އައްޑޫގެ ދެ ސްކޫލެއްގެ އިމާރާތްތަކެއް އެޅުމަށް އަމީން ކޮންސްޓްރަކްޝަނަށް 32.9 މިލިޔަން ރުފިޔާ

އެޑިއުކޭޝަން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނާ މަޝްރޫއު ހަވާލުކުރުން -- ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ

އައްޑޫ ސިޓީގެ ދެ ސްކޫލެއްގެ ބައެއް މަސައްކަތްތައް ކުރުމަށް، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ، އައްޑޫ މީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގައި ހަތަރު ކްލާސްރޫމް، އިދާރީ އޮފީސް، ލައިބްރަރީ އަދި ސްޓާފް ރޫމް ހިމެނޭ ތިން ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތާއި، އައްޑޫ ފޭދޫ ސްކޫލުގައި 12 ކްލާސްރޫމާއި ހޯލެއް ހިމެނޭ ހަތަރު ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތެވެ.

ފޭދޫ ސްކޫލުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 22.2 މިލިޔަން ރުފިޔާ އަށެވެ. އަދި އައްޑޫ މީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ މަސައްކަތް ކުރުމަށް ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ 10.7 މިލިޔަން ރުފިޔާ އަށެވެ. ދެ ޕްރޮޖެކްޓުގެ ޖުމްލަ އަގު ގާތްގަނޑަކަށް 32.9 މިލިޔަން ރުފިޔާ އަށް އަރަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، މި އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ދާއިރާތަކަށް 359.7 މިލިޔަން ރުފިޔާ ހަމަޖެހިފައި ވެ އެވެ.

އޭގެ ތެރެއިން، މިހާތަނަށް 304.1 މިލިޔަން ރުފިޔާގެ މަޝްރޫއުތައް މިހާރުވެސް ހިނގަމުން ދެ އެވެ. އެއީ 48 މަޝްރޫއެކެވެ.

comment ކޮމެންޓް