13 ރަށެއްގައި ފީފާ ގަބޫލުކުރާ ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

13 ރަށެއްގެ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުުރުމަށް ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން މިހާރު ސަބް ބޭސް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ 13 ރަށެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި 13 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް އެޅުމަށް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ފީފާ ގަބޫލު ކުރާ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކަޝަނާ ހަވާލުކުރި ރަށްތަކަކީ، ހއ. ދިއްދޫ، ހއ. ނެއްލައިދޫ، ނ. ހޮޅުދޫ، ނ.ކެނދިކުޅުދޫ، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ފ.ނިލަންދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ޏ.ފުވައްމުލަކުގެ އިތުރުން ސ. ފޭދޫ އެވެ.

މި 13 ރަށުގައި ޓާފް އެޅުމަށް އަމީން ކޮންސްޓަރަކްޝަނާ ހަވާލުކުރީ 55 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި މިހާރު އެ ރަށްރަށުގައި އެޅުމަށް މަސައްކަތް ކުރަމުންދާ ސަބްބޭސް އަޅައި ނިމުނުހާ އަވަހަކަށް ޓާފްގެ މަސައްކަތް ފެށިގެންދާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ސަބް-ބޭސް އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަސައްކަތް ނިންމުމަށްފަހު ހަވާލުކުރާތާ 90 ތެރޭގައި ޓާފް އަޅައި ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވެއެވެ.

މަހްލޫފް ވިދާޅުވީ އިތުރު 22 ރަށެއްގެ ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ ޕްރޮޖެކްޓަށް ވެސް 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މި އަހަރުގެ އަމާޒަކީ 37 ދަނޑުގެ މަސައްކަތް ފެށުން ކަމަށާއި އެކަން މި އަހަރު ނިމުމުގެ ކުރިން ހާސިލް ކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބޮޑު ފުޓުބޯޅަ ދަނޑުގެ އަދަދަކީ 100 ކަމަށް މީގެ ކުރިން މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އޭރަށް އަތޮޅު ތެރޭގައި ފުޓުބޯޅަ ކުރިއެރުމަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް