އަމިން ކޮންސްޓްރަކްޝަނަށް ދިން މުއްދަތުގައި ވެސް ފުލުހުންގެ ފްލެޓްތައް ނުނިމުނު

ފުލުހުންގެ ފްލެޓްތައް ނިންމުމަށް އަމިން ކޮންސްޓްރަކްޝަނާ އެކު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން ---

ފުލުހުންނަށް ޚާއްޞަ ކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތައް ނިންމުމަށް އަމިން ކޮންސްޓްރަކްޝަނާ އެކު އެއްބަސްވެފައިވާ ތާރީހަށް ފްލެޓްތައް ނުނިމި އަނެއްކާ ވެސް މުއްދަތު އިތުރުކުރަން ޖެހިއްޖެއެވެ.

މީގެ ނުވަ އަހަރު ކުރިން ފުލުހުންގެ ފްލެޓްތައް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާއެވެ. އެ ކުންފުނި އަތުން މަސައްކަތް އަތުލުމަށްފަހު ދެން ހަވާލުކުރީ އައިލެންޑް އެކްސްޕާޓު ކުންފުންޏާއެވެ.

ކޮވިޑާއި ގުޅިގެން އައިލެންޑް އެކްސްޕާޓަށް ދިމާވި ދަތިތަކާހެދި އެ ކުންފުނިން މަސައްކަތް ދޫކޮށްލުމުން މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި ޕްލޭނިން މިނިސްޓްރީން ވަނީ އަމީން ކޮންސްޓްރަކްޝާނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް މުހުލަތެއް ދީފައެވެ.

އެއްބަސްވުމުގައިވާ ގޮތުން އިއްޔެއަށް މަސައްކަތް ނިންމަން ޖެހުނު ނަމަވެސް މަސައްކަތް އެއްކޮށް ނިންމާލެވިފައިނުވާތީ އަނެއްކާ ވެސް މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވިއެވެ.

ނަމަވެސް 250 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް މިހާރު ދީފައިވަނީ ކިހާ ދުވަހެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުންނަށް ޚާއްޞަ ކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތައް ނިންމަން ހަވާލުކޮށްފައިވާ ތާރީޚަކަށް އެ ފްލެޓްތައް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން ވިދާޅުވީ, ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް އޮތީ "މަސްހުނިގަނޑެއް ހެން" ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި ސަބް ކޮންޓްރެކްޓަރަކު ވެސް އެބައުޅޭ ކަމަށެވެ. އެ މީހުން ހަވާލުވެފައިވަނީ ނެޓްވޯކް މަސައްކަތް ފަދަ މަސައްކަތް ކުރުމަށް ކަމަށްވާއިރު އެ މަސައްކަތް ލަސްވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ވަމުންދާނަމަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓުތަކުގެ މަސައްކަތް ނުނިމިދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މަސައްކަތް ނިންމުމަށް އިތުރު ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް