ޖައުސާ ކޮންސްޓްރަކްޝަން އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ، ފަހުރުވެރި ތާރީހެއް އޮތް ކުންފުންޏެކެވެ. ނަވާރަސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ވިޔަފާރި ފެށީ ވަރަށް ކުޑަކޮށެވެ. އެހެން ނަމަވެސް މިއަދު އެއީ ނަން މަޝްހޫރު ބްރޭންޑެކެވެ.
ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވިޔަފާރި އިތުރަށް ފުޅާކުރުމަށް 1994 ވަނަ އަހަރު ވަނީ ޖައުސާ ޓްރޭޑިންގެ ނަމުގައި ކޮންސްޓްރަކްޝަން މަސައްކަތާ ގުޅުން ހުރި ސާމާނު ވިއްކަން އިތުރު ކުންފުންޏެއް އުފައްދައިފަ އެވެ. އަދި މިދިޔަ އަހަރު ވަނީ ޖައުސާ ޓްރޭޑިން، ޖާހް ޕްރައިވެޓް ލިމިޓެޑުގެ ނަމަށް ބަދަލުކޮށް ރީބްރޭންޑްކޮށްފަ އެވެ.
އެ ކުންފުނި ރީބްރޭންޑް ކުރުމަށް ފަހު، ޖާހް ވެގެންދިޔައީ ބެލެނިވެރި ކުންފުންޏަށެވެ. ޖައުސާ ކޮންސްޓްރަކްޝަން އާއި އިތުރު ސަބްސިޑަރީ ކުންފުނިތައް ޖާހުގެ ކުޑައިގެ ދަށަށް ބަދަލުކުރެވުނެވެ.
އެއަށް ފަހު އެ ކުންފުނީގެ ހިދުމަތްތައް މިވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. މިހާރު އެއީ ހަމައެކަނި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ނޫނެވެ. ކޮންސްޓްރަކްޝަން މަސައްކަތާ އެކު އެހެން ދާއިރާތަކަށް އިންވެސްޓްކުރުމާއި ޒުވާން ޖީލަށް އެންމެ އެކަށޭނެ ގޮތަކަށް ހިދުމަތްތައް ބައްޓަންކުރުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށް ކުންފުނީގެ ޗެއާމަން ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު/ޖޭޖޭ) ވިދާޅުވި އެވެ.
ޖައުސާ އިން އިމާރާތްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އިރު، އޭގެ ތެރޭގައި ސެންޓްރަލް ހޮޓެލް އާއި ކަސްޓަމްސްގެ އިމާރާތުގެ އިތުރުން ފިނޭންސް މިނިސްޓްރީ އިމާރާތް ހިމެނެ އެވެ.
މާލޭގެ އިތުރުން، ރިސޯޓްތަކުގައި ވެސް ޖައުސާ އިން މަސައްކަތްތަކެއް ކޮށްފައި ވާއިރު، ރަށްރަށުގެ މިސްކިތްތަކާއި ސްކޫލުތަކުގެ އިތުރުން ހޮސްޕިޓަލުތައް އިމާރާތްތަކުން ވެސް ޖައުސާގެ ފުރިހަމަ މަސައްކަތްތައް ފެންނަން އެބަހުއްޓެވެ.
ޖާހުގެ ކުޑައިގެ ދަށަށް ޖައުސާ އައި ފަހުން، އެ ކުންފުނިން ކުރާ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ އަދި ވިއްކަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް ކަމަށްވާ ދި ގާޑަންސްގެ މަސައްކަތެވެ.
މިއީ އެ ކުންފުނީގެ ދަށުން ހިންގަމުންދާ ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމުގެ ތެރެއިން ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. މިހާރު އެ މަސައްކަތުގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.
މީގެ ކުރިން ޖައުސާ އިން ފުޅާ ދާއިރާއެއްގައި ޓައިލްސް އާއި ސެނިޓަރީވެއާ ވިއްކަމުން ދިޔައީ ސޯސަންމަގުގައި ޖައުސާ ސެރަމިކް ސިޓީގެ ނަމުގަ އެވެ. ނަމަވެސް މިހާރު އެތަން ވެސް ވަނީ ރީބްރޭންޑްކޮށް ޖާހް ސިޓީ ސެންޓާ (ޖޭސީސީ) އަށް ބަދަލުކޮށްފަ އެވެ.
ޖައުސާ އިން އެންމެ ކުރިން ފެށިގެން ވެސް ވިއްކަމުން އަންނަނީ ދުނިޔޭގެ ކަންކޮޅުތަކުގައި އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު، މޮޅު އުފެއްދުންތަކެވެ. މީގެ 20 ވަރަކަށް އަހަރު ކުރިން ދަރުބާރުގޭގައި ޖެހި ލަންކާ ޓައިލްސްތައް އަދި ވެސް ރަނގަޅު ފެންވަރެއްގައި ހުރުމަކީ އެކަމުގެ ހެއްކެކެވެ.
ޖޭސީސީން މިހާރު އަންނަނީ ޓައިލްސްގެ އިތުރުން، ޓޯޓަލް އިންޓީރިއާ ސޮލިއުޝަންސް ފޯރުކޮށްދެމުންނެވެ. ޖޭސީސީން ވިއްކާ ބްރޭންޑްތަކުގެ ތެރޭގައި 150 އަހަރަށް ވުރެ ގިނަ ދުވަސްވީ އެމެރިކަން ސްޓޭންޑާޑްގެ އުފެއްދުންތައް ހިމެނެ އެވެ.
ޖޭސީސީގެ އަމާޒަކީ މާލޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ އައުޓްލެޓްތައް ހުޅުވައި، ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމެވެ.
އެ އަމާޒުގެ ދަށުން މިހާރު ޖޭސީސީގެ ދެ އައުޓްލެޓް ހުޅުވަން އަންނނީ ތައްޔާރުވަމުންނެވެ. އެގޮތުން ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކާ އެކު މިމަހުގެ ތެރޭގައި ހުޅުމާލޭގައި ޖޭސީސީގެ އައުޓްލެޓެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ އިރު، މި އަހަރު ނިމުމުގެ ކުރިން ހދ. ކުޅުދުއްފުށީގައި ވެސް އައުޓްލެޓެއް ހުޅުވިގެން ދާނެ ކަމަށް ޖޭޖޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ މާލޭ ރީޖަންގެ އިތުރުން މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރުން. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އަދި އިތުރަށް ވިޔަފާރި ފުޅާކުރެވިގެންދާނެ،" ޖޭޖޭ ވިދާޅުވި އެވެ.
ހަމައެއާ އެކު ޖާހް ކުންފުނީގެ ދަށުން ހިންގާ ބްލޫ އޯޝަނިކް މޯލްޑިވްސް އިން މިހާރު ވަނީ ކަނޑުގެ އުފެއްދުންތައް ރަނގަޅު ފެންވަރުގައި ޕެކް ކޮށް، ދުނިޔޭގެ އެކި މާކެޓްތަކަށް ވިއްކުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
އެގޮތުން ބްލޫ އޯޝަނިކް ފިޝް ޕްރޮސެސިންގް ފެކްޓްރީގެ ނަމުގައި ޕެކިން ފެކްޓްރީއެއް ހދ. ވައިކަރަދޫގައި ވަނީ ހުޅުވައިފަ އެވެ. އެ ފެކްޓްރީން މިހާރު އަންނަނީ ޓްރަޔަލް ޝިޕްމަންޓުތަކެއް އެކްސްޕޯޓު ކުރަމުންނެވެ. މިހާރު ފަރުމަހުން ފަށައިގެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަނޑުގެ ހުރިހާ އުފެއްދުމެއް އެ ފެކްޓްރީން ބޭރުކުރާނެ އެވެ.
"މިހާރު މަސް ޕެކް ކޮށްގެން އޭގެ ޓްރަޔަލް ޝިޕްމެންޓްތައް އެކްސްޕޯޓު ކުރަމުން މިދަނީ. އޭރުން އެނގޭނެ ގެންނަން ޖެހޭ ބަދަލުތައް. ކަނޑުގެ ހުރިހާ އުފެއްދުމެއް އަޅުގަނޑުމެން ބޭރު ކުރާނަން. ފަރުމަހުން ފެށުނު ނަމަވެސް، ސޫފިލަނޑާ، ކަނޑުމަސް ހުރިހާ ބާވަތެއް ޕްރޮސެސް ކުރުމުގައި ހުރިހާ ގޮތަކުން މަސައްކަތް ކުރާނެ،" ޖޭޖޭ ވިދާޅުވި އެވެ.
ހަމައެއާ އެކު، މަސްވެރިކަމަށް ޒުވާނުން އަހުލުވެރި ކުރުވައި، އެ މަސައްކަތަށް ޒުވާނުން ނެރުމަށް ވެސް ބްލޫ އޯޝަނިކް އިން އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. ޖޭޖޭ ވިދާޅުވީ އެކުންފުނީގެ މަގުސަދަކީ ވަޒީފާ ހޯދަން އުޅޭ ޒުވާނުން މަދުކޮށް، ވަޒީފާ އުފައްދާ ޒުވާނުން އިތުރުކުރުން ކަމަށެވެ.
މަސްވެރިކަމަށް ކުދިން އަހުލުވެރިކުރުމަށް އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތު ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ މި ދާއިރާގައި ހުރި ފުރުސަތުތައް ޒުވާނުންނަށް ވިސްނައިދީ، ދެ އަތް އުރާލައިގެން ތިބޭ ބައެއްގެ ބަދަލުގައި އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ދިވެހި ޒުވާނުން ހެދުމެވެ.
އޭގެ އިތުރުން، ޝައުގުވެރިކަމާ އެކު މި ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ބޭނުންވާ އެހެނިހެން ކަންކަމަށް ވެސް އެ ކުންފުނިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހަމައެއާ އެކު ދިވެހިންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް، ވަރަށް އަވަހަށް ފިޓްނެސް ސެންޓަތެއް ވެސް ގާއިމުކުރުމުގެ މަސައްކަތް ޖާހު ކުންފުނިން އަންނަނީ ކުރަމުންނެވެ. މި ސެންޓަރުގައި އިންޑޯ ހުރިހާ ކުޅިވަރުތަކެއް ހިމެނޭނެ ކަމަށާއި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެ ވަސީލަތް ބޭނުންކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.