މި އަހަރު ވެސް ފޯރިގަދަ އެސްޓިއޯ ހޯމް އިމްޕްރޫމެންޓް ބަށި މުބާރާތް ފިތުރު އީދުގައި

ޑިސެމްބަރ 15، 2015: އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެސްޓީއޯ އިން ބަށި ބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސްއާ ގުޅިގެން ބާއްވާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް މިއަހަރުވެސް ފިތުރު އީދުގައި ބޭއްވުމަށް ނިންމައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް އެސްޓިއޯއިން ބާއްވަމުން އަންނަ ފޯރި ގަދަ ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލި އިރު، އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެ މުބާރާތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓިއޯގެ ޖެނަރަލް މެނޭޖަރު މުހައްމަދު މުރާދު ވިދާޅުވީ، ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް އެސްޓީއޯގެ ފަރާތުން ބާއްވަމުން އަންނަ ފޯރި ގަދަ ބަށި މުބާރާތުގައި ގިނަ އަދަދަކަށް އަތޮޅުތަކުން ޓީމްތައް ބައިވެރިވެފައިވާ ކަމަށާއި މިފަހަރު ވެސް ގިނަ ޓީމްތަށް އަންނާނީ އަތޮޅު ތަކުން ކަމަށެވެ.

އެސްޓީއޯ ހެޑް އޮފީހްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: އެސްޓީއޯ

"އަތޮޅު ތަކުން ގިނަ ޓީމްތަކެއް އަންނާތީ އަޅުގަނޑުމެން މިފަހަރު ނިންމާފައި ވާނެ ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް ހަ ހާސް ރުފިޔާގެ އެލަވަންސެއް ވެސް ދޭން. އަދި އަތޮޅު ތަކުން އަންނަ ހުރިހާ ޓީމްތަކަކަށް އެކޮމަޑޭޝަން ވެސް ހަމަޖައްސަ ދެވޭތޯ ބަލަމުން މިދަނީ،" މުރާދު ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ އަގު ބޮޑު ބަށި މުބާރާތުގައި މިދިޔަ އަހަރު 21 ޓީމް ބައިވެރިވެފައިވާ އިރު އޭގެ ތެރެއިން 11 ޓިމަކީ އަތޮޅުތަކުން ބައިވެރިވެފައިވާ ޓީމްތަކެވެ.

މާފަންނު ސްޓޭޑިއަމް ވޮލީބޯލް ކޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމް ހުށަހެޅިފައިވާއިރު ދެވަނަ ޓީމަށް ފަންސާސް ހާސް ރުފިޔާ އަދި ތިންވަނަ ޓީމަށް ފަންސަވީސް ހާސް ރުފިޔާ ވަނީ ހުށަހަޅައިފައެވެ. ފެއަރޕްލޭ ޓީމަށް ދިހަ ހާސް ރުފިޔާ ހުށަހެޅިފައިވާ އިރު މުބާރާތުގެ އެކިއެކި ވަނަތައް ވެސް ހޮވުމަށް ހަމަޖެހިފިވާ ކަމަށް އެސްޓިއޯއިން ބުނެއެވެ.

comment ކޮމެންޓް