ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތެލުން އުފައްދާ ކަރަންޓުގެ 30 ޕަސެންޓް، އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން އެ ސިޓީގެ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ގާއިމްކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ހަކަތައިގެ މިންވަރު ރައީސް ޔާމީންގެ ވެރިކަމުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދެގުނަކުރެވިފައިވާ ކަމަށެވެ.
އަދި ވިދާޅުވީ، ސަރުކާރުގެ ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެއަހަރުތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ ދުވާލުގަޑީގެ ޕީކްލޯޑުގެ 30 އިންސައްތަ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި އިންޖީނުގެއެއް އަޅައިގެން ޑީސަލުން ކަރަންޓު އުފެއްދުމަކީ އިންތިހާއަށް ކަރަންޓުގެ އަގުތައް ބޮޑުވެގެންދާ ކަމެއް ކަމަށެވެ.
އެހެންކަމުން، އަވިން ހަކަތަ އުފައްދާ ހައިބްރިޑް ނިޒާމުތަކެއް ގާއިމް ކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށް ތެލުގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި މުހިއްމު ކަމެއް ކަމަށް ޠާރިޤު ވިދާޅުވިއެވެ.
އެ މަސައްކަތުގެ ތެރެއިން 2014 ވަނަ އަހަރު ގދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ތިނަދޫ އަދި ގައްދޫގެ އިތުރުން ރ. އުނގޫފާރާއި ދ. ކުޑަހުވަދޫ އާއި އދ. މަހިބަދޫ އަދި ހއ. އިހަވަންދޫގައި ހައިބްރިޑް ނިޒާމްތަކެއް ގާއިމްކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން މިއަހަރުގެ ތެރޭގައި އދ. ދިއްދޫ އާއި ވ. ރަކީދޫ ގައި ވެސް އެފަދަ ނިޒާމެއް ގާއިމްކޮށް ހިދުމަތްދޭން ފެށިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.