އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އައްޑޫގައި ފަށައިފި

އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން އެ ސިޓީގެ ހިތަދޫ ސްކޫލުގެ ފުރާޅު މަތީގައި ސޯލާ ޕެނަލް ހަރުކުރަނީ --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ސަރުކާރުން ރާއްޖޭގެ ފަސް ރަށެއްގައި ކުރިއަށްގެންދަން ނިންމާފައިވާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރުމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފަށައިފި އެވެ.

އައްޑޫ ސިޓީ އާއި ބ. ގޮއިދޫ އާއި ޅ. ކުރެންދޫގެ އިތުރުން ތ. ބުރުނި އަދި ގއ. ވިލިނގިލީގައި ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ ދަށުން އެ ފަސް ރަށުގައި މުޅި ޖުމްލަ 2.5 މެގަވޮޓްގެ ހަކަތަ، އިރުގެ ހަކަތަ ބޭނުން ކޮށްގެން އުފެއްދޭނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ ފަސް ރަށުގައި ގާއިމުކުރާ ޕްރޮޖެކްޓަކީ އޭޝިއާ ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފަސް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.

އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ހިތަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ފުރާޅު މަތީގައި ވަނީ ސޯލާ ޕެނަލް ހަރުކޮށްފަ އެވެ.

އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން އެ ސިޓީގެ ހިތަދޫ ސްކޫލުގެ ފުރާޅު މަތީގައި ސޯލާ ޕެނަލް ހަރުކުރަނީ --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ފަސް ރަށެއްގައި 2.5 މެގަވޮޓްގެ ހަކަތަ އުފައްދާ އެ ޕްރޮޖެކްޓުގެ ތެރެއިން 1.6 މެގަވޮޓްގެ ކަރަންޓް އުފައްދާނީ އައްޑޫ ސިޓީ ގާއިމްކުރި ނިޒާމުން ކަމަށެވެ.

އައްޑޫގައި ގާއިމްކުރާ އެ ނިޒާމަށް ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު ހަރަދުވާ އިރު، އެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިގެ އިތުރު ޕްރޮޖެކްޓްތަކެއް އައްޑޫ ސިޓީގެ އެހެން ސަރަހައްދުތަކުގައި ގާއިމްކުރުމަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓަށް ވެސް ފައިސާ ހަމަޖެހިފައި ވަނީ އޭޑީބީ އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ވައުދު ފުޅުތަކުގެ ތެރެއިން އެންމެނަށް ހަކަތަ ޔަގީން ކޮށްދިނުމުގެ ވައުދު ފުއްދުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ރާއްޖެ ހަލުވި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ގާއިމްކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ހަކަތައިގެ މިންވަރު ރައީސް ޔާމީންގެ ވެރިކަމުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދެގުނަ ކުރެވިފައިވާ ކަން ފާހަގަކުރެވި އެވެ.

"ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށެއްގެ ދުވާލުގަޑީގައި ޕީކްލޯޑުގެ 30 ޕަސެންޓް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުން،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމަށް ކުރާ މަސައްކަތުން، ތެލަށް ކުރާ ހޭދަ ކުޑަކުރެވުމުގެ އިތުރުން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު މަދުވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް