ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.
ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވަނީ އިއްޔެ ކުޅުނު ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫތު ސްޕޯޓްސް ކްލަބު ފައިނަލަށް ދަތުރުކުރި އިރު، ދެވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރީ ފިއޮންޓީ ސްޕޯޓްސް ކްލަބެވެ. ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި ދިވެހި ސިފައިންގެ ކްލަބު ދަތުރުކުރި އިރު، ދެވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރީ ޔޫތު ސްޕޯޓްސް ކްލަބެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ފިއޮންޓީ ސްޕޯޓްސް ކްލަބާއި ޓީރެކްސް ސްޕޯޓްސް އެކެޑަމީ އެވެ. އެ މެޗު ފަސޭހަކަމާއެކު 47-8 އިން ކާމިޔާބުކުރީ ފިއޮންޓީ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފިއޮންޓީގެ ޒުލައިޚާ އިބްރާހިމެވެ.
ފިރިހެން ޑިވިޝަނުގެ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ. އެ މެޗު ނިމިގެންދިޔައީ 25-25 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ މޫސާ މުހައްމަދެވެ.
ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ އެއްވަނައިގައި ނިންމާލި ދިވެހި ސިފައިންގެ ކްލަބަށް ތިން މެޗުން ފަސް ޕޮއިންޓް ލިބުނު އިރު، ދެވަނައިގައި ނިންމާލި ޔޫތު ސްޕޯޓްސް ކްލަބަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި ނިންމާލި ޕޮލިހަށް ތިން މެޗުން ތިން ޕޮއިންޓް ލިބުނު އިރު، ރޮކް ސްޓްރީޓަށް ތިން މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ އެއްވަނައިގައި ނިންމާލި ޔޫތު ސްޕޯޓްސް ކްލަބަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނު އިރު، ދެވަނައިގައި ނިންމާލި ފިއޮންޓީ ސްޕޯޓްސް ކްލަބަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި ނިންމާލި ދިވެހި ސިފައިންގެ ކްލަބަށް ތިން މެޗުން ދެ ޕޮއިންޓް ލިބުނު އިރު، ޓީރެކްސް ސްޕޯޓްސް އެކެޑަމީ އަށް ތިން މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
އަންހެން ޑިވިޝަނުގައި ފައިނަލުގައި ޔޫތު ސްޕޯޓްސް ކްލަބާއި ފިއޮންޓީ ސްޕޯޓްސް ކްލަބު ބައްދަލުކުރާނީ މިރޭ އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބާއި ޔޫތު ސްޕޯޓްސް ކްލަބު ބައްދަލުކުރާނީ މާދަމާ ހަވީރެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15 ގައެވެ.