ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޔޫތު ސްޕޯޓްސް ކްލަބު ޖާގަ ހޯދައިފި އެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުން ޔޫތު ސްޕޯޓްސް ޖާގަ ހޯދީ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ.
ގްރޫޕު ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން ފިއޮންޓި ސްޕޯޓްސް ކްލަބު އެއް މެޗުން މޮޅުވި އިރު، ދިވެހި ސިފައިންގެ ކްލަބު ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމު ވަނީ އެއް މެޗުން ވަނީ މޮޅުވެފަ އެވެ. އަދި ޓީރެކްސް ސްޕޯޓްސް އެކެޑަމީ ކުޅުނު ދެ މެޗުގެ ތެރެއިން އެޓީމަށް އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ.
ގްރޫޕު ސްޓޭޖުގައި ޔޫތު ސްޕޯޓްސް ކްލަބު ކުޅުނު ފަހު މެޗުގައި އިއްޔެ ނުކުތީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ. އެ މެޗު ފަސޭހަކަމާއެކު ޔޫތު ސްޕޯޓްސް ކްލަބު މޮޅުވީ 29-6 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު ސްޕޯޓްސް ކްލަބުގެ ފާތިމަތު ރިޝްމާ އެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ޔޫތު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރުވާނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗަށްފަހު އެވެ. މިރޭ ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މެޗަކުން މޮޅުވެފައިނުވާ ޓީރެކްސް ސްޕޯޓްސް އެކެޑަމީ އާއި އެއް މެޗުން މޮޅުވެފައިވާ ފިއޮންޓި ސްޕޯޓްސް ކްލަބެވެ. ފައިނަލުގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ބޮޑީ ފިއޮންޓިއަށެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވާނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗަށްފަހު އެވެ. މިރޭ ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ.
ފިރިހެން ޑިވިޝަނުގައި ކުޅުނު ދެ މެޗު ވެސް ދިވެހި ސިފައިން ކާމިޔާބުކޮށްފައިވާ އިރު، ޔޫތު ސްޕޯޓްސް ކްލަބު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ޕޮލިސް ކްލަބު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާ އިރު، ރޮކް ސްޓްރީޓް ކްލަބު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ.