ވީއޭއެމް ޕްރެޒިޑެންޓް ކަޕް ހަ ވަނަ ފަހަރަށް ޕޮލިހުން ކާމިޔާބުކޮށްފި

ވީއޭއެމް ޕްރެޒިޑެންޓް ކަޕް ހަ ވަނަ ފަހަރަށް ޕޮލިސް ކުލަބު ކާމިޔާބް ކުރުމަށް ފަހު މެޑަލް އާއި ޓްރޮފީ އާއި އެކު --- ފޮޓޯ: ޕޮލިސް ކުލަބް

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ މާލޭ ޒޯނުގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ޕޮލިސް ކްލަބު ހޯދައިފި އެވެ.

ޕޮލިސް ކްލަބު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ތިން ވަނަ ފައިނަލް މެޗުގައި ސީދާ ތިން ސެޓުން މޯލްޑިވިއަން ކުލަބުގެ މައްޗަށް ކުރި ހޯދއިގެންނެވެ.

ރޭގެ މެޗަށް ދެ ޓީމް ނިކުތް އިރު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވާ އިރު ދެވަނަ މެޗު ވަނީ މޯލްޑިވިއަން އިން ކާމިޔާބު ކޮށްފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ސެޓްތައް ޕޮލިސް ކްލަބުން ގެންދިޔައީ 19-25 22-25 އަދި 24-26 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ.

ވީއޭއެމް ޕްރެޒިޑެންޓް ކަޕް ހަ ވަނަ ފަހަރަށް ޕޮލިސް ކުލަބު ކާމިޔާބުކުރުމަށް ފަހު ތައްޓާއި މެޑްލް ހަވާލު ކުރަނީ --- ފޮޓޯ: ޕޮލިސް ކުލަބް

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އާއި ހައްވާ ޒަހާ އާއި ފާތްމަތް ޖޫޒަން އާއި ފާތްމަތް ޒީނިޔާގެ އިތުރުން މޯލްޑިވިއަން އައިޝަތު މާޖިދާ އާއި އައިޝަތު އިމްތިނާން އެވެ.

އެ މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޕޮލިސް ކްލަބުގެ އާމިނަތު އަރީޝާ ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ފާތިމަތު ޖޫޒާން އެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ ހޮވުނު އިރު އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ މޯލްޑިވިއަންގެ ސިލްމާ ޒާހިރު އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ޕޮލިސް ކްލަބެވެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ޕޮލިސް ކްލަބަށް މުބާރާތް ކާމިޔާބުކޮށްދިން ކޯޗު މައުމޫރް މުހައްމަދު އެވެ.

comment ކޮމެންޓް