ހަލަވެލި ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެއްޖެ

އއ. ހަލަވެލީގައި ހިންގާ ކޮންސްޓަންސް ހަލަވެލި ރިސޯޓު ---

އއ. ހަލަވެލީގައި ހިންގާ ކޮންސްޓަންސް ހަލަވެލި ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކޮރެއާއަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ގެނބިގެން އއ. ރަސްދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 3:00 ހާ އިރު ކަމަށެވެ.

ހަލަވެލި ރިސޯޓު ހިންގާ ކޮންސްޓަންސް ގްރޫޕުން "ސަން"އަށް ބުނީ، އެ ރިސޯޓުގެ ސެކިއުރިޓީ ޕްރޮޓޮކޯލާ އެއްގޮތަށް ސެކިއުރިޓީ އޮފިސަރުންނާއި ރިސޯޓުގެ ޑޮކްޓަރުން ވަނީ ގެނބުނު ފަތުރުވެރިޔާއަށް ވަގުތުން އެޓެންޑުވެ، ވަގުތުން ވަގުތަށް ދޭންޖެހޭ ސިއްހީ ފަރުވާ ދީފައި ކަމަށެވެ.

އަދި އެންމެ ކައިރީގައި ހުރި ސިއްހީ ފަރުވާދޭ މަރުކަޒު ކަމުގައިވާ އއ. ރަސްދޫގެ ހޮސްޕިޓަލަށް އޭނާ ގެންދިއުމަށްޓަކައި މަސައްކަތް ފެށި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ސީޕީއާރު ދެމުން ގެންދިޔަ ކަމަށް ކޮންސްޓަންސް ގްރޫޕުން ބުންޏެވެ.

ރިސޯޓާއި ފުލުހުންވެސް ބުނީ ރަސްދޫގެ ހޮސްޕިޓަލަށް ގެންދިއުމުން އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް