ރޫޓުގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާންމުކޮށްފި

ރޫޓު ފިހާރައިގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ---

މިދިޔަ އާދީއްތަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ފައިސާތަކެއް ފޭރެން އުޅުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ހެނދުނު ރޫޓު ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ވޭނެއްގައި ބީއޯސީއަށް ގެންދަނިކޮށް، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ ބީއޯސީ ކުރިމަތިން އެ ފައިސާ ފޭރެން މަސައްކަތް ކޮށްފަ އެވެ. ރޫޓު ފިހާރައިން މިއަދު ބުނި ގޮތުގައި އެ ދުވަހު ބީއޯސީއަށް ގެންދިޔައީ 4.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

އެ ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ބަލަމުންދާއިރު އެ ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ރޫޓު ފިހާރައިގެ ފައިސާ ފޭރުން ހުއްޓުވީ ވޭނުގައި ތިބި ރޫޓު ފިހާރައިގެ މުވައްޒަފުންނާއި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑެކެވެ. އެކަމާ ގުޅިގެން ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ރޫޓު ފިހާރައިން ވަނީ ދީފަ އެވެ. އަދި ތިން މުވައްޒަފަކަށް، 10،000 ރުފިޔާ ދީފައިވެ އެވެ.

comment ކޮމެންޓް