ވޯލީ ބޯލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ވީއޭއެމް ޕްރެޒިޑެންޓް ކަޕްގެ އަންހެން ބައިގެ ފައިނަލްގެ ތިން ވަނަ މެޗު ކާމިޔާބުކޮށް ތަށި އުފުލާލުމުގެ ފުރުސަތު ޕޮލިސް ކުލަބް އާއި މޯލްޑިވިއަން ސްޕޯޓްސް ކުލަބަށް ތަނަވަސް ވެއްޖެ އެވެ.
ތިން ޓީމްއާ އެކު ލީގް އުސޫލުން ކުރިއަށްދާ އެ މުބާރާތުން ޔޫތު ނިއު ޖަނަރޭޝަން ކަޓާފައިވާ އިރު އެންމެ ގިނަ ޕޮއިންޓް ލިބިގެން ޕޮލިސް ކުލަބް އާއި މޯލްޑިވިއަން ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
ފައިނަލަށް ދަތުރުކުރާ ދެ ޓީމްގެ މެދުގައި ތިން ފައިނަލެއް ކުޅުމަށް ހަމަޖެހިފައިވާ އިރު ޗެމްޕިއަންކަން ލިބޭނީ ދެ ފައިނަލް ކާމިޔާބް ކުރާ ޓީމަކަށެވެ. މުބާރާތުގެ ފޯރި ގަދަވީ ފުރަތަމަ ފައިނަލް ޕޮލިސް ކުލަބު ކާމިޔާބް ކޮށް ދެ ވަނަ ފައިނަލް މޯލްޑިވިއަނުން ކާމިޔާބް ކުރުމުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅުނު ފުރަތަމަ ފައިނަލް މެޗު މޯލްޑިވިއަން ސްޕޯޓްސް ކްލަބާ ވާދަކޮށް 3 ސެޓު 1 ސެޓުން ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިހުން ކާމިޔާބުކޮށްފައި ވަނިކޮށް ތިންވަނަ ސެޓު މޯލްޑިވިއަނުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ޕޮލިހުން ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ.
އެ މެޗުގެ ސެޓުތައް ޕޮލިހުން ކާމިޔާބުކުރީ 25-19، 25-13 އަދި 25-18 އިންނެވެ. އަދި މޯލްޑިވިއަނުން ކާމިޔާބުކުރި ހަމަ އެކަނި ސެޓު އެޓީމުން ކާމިޔާބުކުރީ 25-17 އިންނެވެ.
މުބާރުގެ ދެވަނަ ފައިނަލް ރޭ ކުޅުނު އިރު އެ މެޗު ޕޮލިހުންނާ ވާދަކޮށް މޯލްޑިވިއަން ވަނީ ސީދާ ތިން ސެޓުން ކާމިޔާބް ކޮށްފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ސެޓްތަށް މޯލްޑިވިއަން ސްޕޯޓްސް ކްލަބުން ކާމިޔާބު ކުރީ 25-22، 25-18 އަދި 25-20 އިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަ ހޯދީ މޯލްޑިވިއަންގެ އައިޝަތު މާޖިދާއެވެ.
އެ ދެޓީމު ވާދަކުރާ ފައިނަލްގެ ތިން ވަނަ މެޗު މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު އެ މެޗު ކާމިޔާބް ކުރާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ.