ސެޕްޓެމްބަރު 14ގައި ޔޫއެފާއަށް ރައީސަކު އިންތިހާބު ކުރަނީ

ޔޫއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ: ޔޫއެފާއަށް ރައީސަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެތެންސްގައި ބާއްވާ ބައްދަލުވުމެއްގައި -- ފޮޓޯ: ރޮއިޓާސް

ހުސްވެފައިވާ ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާގެ ރައީސްކަމުގެ މަގާމަށް އަންނަ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެތެންސްގައި ބާއްވާ ބައްދަލުވުމެއްގައި ރައީސަކު އިންތިހާބު ކުރުމަށް ނިންމައިފި އެވެ.

ޔޫއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓީނީއަށް 2011 ވަނަ އަހަރު ފީފާގެ ބެޖެޓުން އޭރު ރައީސްކަމުގައި ހުރި ސެޕް ބްލެޓާ ދެ މިލިއަން ޑޮލަރު ދިން މައްސަލައެއް ފެންމަތިވުމާ ގުޅިގެން މިދިޔަ އަހަރު ބްލެޓާއާއެކު ފުޓްބޯޅައިގެ ހަރަކާތްތަކުން ޕްލެޓިނީ ވެސް ސަސްޕެންޑް ކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ޔޫއެފާ ރައީސްކަމުން އިސްތިއުފާ ދިނުމަށް ޕްލެޓިނީ ނިންމި އިރު، ފުރަތަމަ ފީފާއިން ނިންމީ އަށް އަހަރު ދުވަހުގެ މުއްދަތަކަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ޕްލެޓިނީ ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ފީފާގެ އެޕީލް ކޮމެޓީއަށް މައްސަލަ ހުށަހެޅުމުން އެ އަދަބު ހަ އަހަރަށް ކުޑަކޮށްދިންއިރު، ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ އަދަބު ހަތަރު އަހަރަށް ކުޑަކޮށްދީފަ އެވެ.

އެ މައްސަލައަށްފަހު ޔޫއެފާ ހިނގަމުންދަނީ ރައީސަކު ނެތި އެވެ. ސެޕްޓެމްބަރު މަހު ރައީސަކު އިންތިހާބުކުރަން ޔޫއެފާއިން ނިންމި އިރު، އަންނަ މަހު ފްރާންސްގައި ބާއްވާ ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ވެސް ނިމިގެންދާނީ ޔޫއެފާގެ ރައީސަކު ނެތި އެވެ.

ޔޫއެފާގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

comment ކޮމެންޓް