30 ފަރާތަކަށް ގެޓްސެޓް ލޯންދޫކޮށްފި

ޒުވާން ވިޔަފާރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނުގެ ފައިސާ 30 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓްގެ ޕްރޮގްރާމް މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ އެ ލޯނު 34 ފަރާތަކަށް ދިނުމަށް ނިންމާފައިވާ އިރު އޭގެ ތެރެ އިން 30 ފަރާތަކަށް މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

ދެންބާކީތިބި ހަތަރު ފަރާތަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ފައިސާ ދޫކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހީލް ވިދާޅުވީ ފައިސާ ލިބުނު ފަރާތްތަކުން މިހާރު ވިޔަފާރި ފަށާފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އާއި ފިޓްނަސް ދާއިރާގެ އިތުރުން ލޮޖިސްޓިކް ދާއިރާގައި އެވިޔަފާރިތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މި އަހަރު ދޫކުރުމަށް ނިންމާފައިވާ ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މިދިޔަ އަހަރާއި މި އަހަރުގެ ލޯނާއި އެއްވެސް ތަފާތެއް ނޫޅޭނެ ކަމަށާއި ނަމަވެސް މިފަހަރު ލޯނަށް ހުށައެޅޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ.

ފަސް އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އެންޓާޕްރައިޒު ޑިވެލޮޕްމެންޓުގެ ސުޕެސިއަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ ބީއެމްއެލްގެ އިސްލާމިކް ފައިނޭންސްގެ ދަށުން ދޫކުރަން ނިންމާފައިވާ ލޯންކަމަށްވާ ލޯން ކަމަށްވާ ފަސޭހަ މަދަދުގެ ލޯނު 105 ފަރާތަކަށް ދިނުމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން ލޯނު ލިބޭނެ އަށް ފަރާތެއް ކަނޑައެޅިފައިވާ ކަމަށެވެ. އެފަރާތްތަކަށް ވަރަށް އަވަހަށް ލޯން ދޫކުުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް