އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލައިފި، އިންތިހާބު މި މަހު 31ގައި

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ: އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް-- ސަން ފޮޓޯ/ އިމޭޖަސްއެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އެ އެސޯސިއޭޝަންގެ އިންތިހާބު މި މަހު 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެފްއޭއެމް އިން ވަނީ އެ އެސޯސިއޭސަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި ފީފާއިން ހުށެހެޅި އިސްލާހުތަކާއި އެކު އަސާސީ ގަވާއިދު އިސްލާހުކޮށް ފީފާއަށާއި ހޯމްމިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮންގްރެސްގައި ފާސްކުރެވުނު އަސާސީ ގަވާއިދުގެ ދަށުން ބޭއްވާ އިންތިހާބު މި މަހިގެ 31 ވަނަ ދުވަހު ބާއްވަން އެފްއޭއެމްގެ ނޯމަލައިޒޭސަން ކޮމެޓީން ނިންމާފައިވާ ކަމަށާއި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އެ އެސޯސިއޭސަނަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލާ ފަރާތަކުން އެގްޒެކްޓިވް ކޮމެޓީގައި ހިމަނަން ބޭނުންވާ ނުވަ މެމްބަރުންގެ ނަމާއެކު ޓީމެއް ވެސް ހުށަހަޅަން ވާނެ އެވެ. މިހާތަނަށް އެ މަގަމާށް ޝައުގުވެރިކަން ފާޅު ކޮށްފައިވަނީ އެފްއޭއެމް ނޯމަލައިޒޭސަން ކޮމެޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދެވެ.

ދެހާސް ސާދަ ވަނަ އަހަރު ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިހާބު ނުބޭއްވި ދިގުލައިގެން ދިޔުމުގެ ސަބަބުން އެފްއޭއެމްގެ އޭރުގެ ރައީސް އިލްހާމް އަހުމަދު އެ މަގާމުން ދުރުކޮށް ފީފާއިން ވަނީ އެ އިދާރާ ހިންގުމަށް ނޯމެލައިޒޭސަން ކޮމެޓީއެއް އުފައްދާފަ އެވެ. އެ ކޮމެޓީއަށް މަތިކޮށްފައިވާ ޒިންމާއަކީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބޭއްވުމެވެ.

ނަމަވެސް މީގެ ކުރިން އެތައް ފަހަރު އެފްއޭއެމްގެ އިންތިހާބް ބާއްވަން މަސަތްކަތް ކުރި ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ އެ އިންތިހާބް ނުބޭއްވި އެއް އަހަރާއި ހަ މަސް ވެފައިވާއިރު މި ފަހަރު އިންތިހާބު ނުބޭއްވިއްޖެ ނަމަ އެފްއޭއެމްގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ވެސް މުއްދަތެއް ނެތް ގޮތަށް ފީފާއިން ސަސްޕަންޑް ކުރާނެއެވެ.

comment ކޮމެންޓް