މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެރަޓަރީއެއްގެ ހައިސިއްޔަތުން އަހްމަދު މަރްޒޫގް (މަރޭ) ދެ ދައުރު ފުރިހަމަ ކުރުމަށްފަހު އިތުރު ދައުރެއް މާދަމާ ފަށާއިރު ފާއިތުވެ ދިޔަ އަށް އަހަރު ދުވަހު މަރޭއަށް ހާސިލް ކުރެވުނު ފޮނި ކާމިޔާބީ ތަކެއްވެސް ހުންނާނެތާއެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާގެ ޖެނެރަލް ސެކެރަޓަރީއެއްގެ ހައިސިއްޔަތުން މަރޭ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ފޮނި އުންމީދު ތަކަކާއި އެކު، މޮޅު ޕްލޭން ތަކަކާ އެކު އެމްއޯސީގެ ދަތުރުގައި މަރޭ ބައިވެރިވި ފުރަތަމަ ފަހަރެވެ.
މީގެ އަށް އަހަރު ކުރިން ފެށުނު ދަތުރާ ގުޅޭ މުހިންމު ވާހަކަތަކެއް މަރޭ މީގެ ކުރިން އެކިއެކި ފޯރަމްތަކުގައި ހިއްސާ ކޮށްފައިވާއިރު ދެ ދައުރު ނިމި ތިންވަނަ ދައުރަކަށް މާދަމާ އަލިވިލޭއިރު އޭނާއަށް ކުރެވުނު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މަރޭ ފާހަގަ ކުރަނީ ކޮން ކަމެއްތޯ ބަލައިލީމެވެ.
މިއަދު މެނދުރު ފަހުން އެމްއޯސީ އޮފީހުން ނުކުންނަމުން މަރޭ ވަނީ އޭނާގެ ފޭނުންނަށްށާއި ކުޅިވަރު އާއިލާއަށް ހާއްސަ މެސެޖެއް ފޭސްބުކް މެދުވެރިކޮށް ދީފައެވެ. ފޭސްބުކް ސްޓޭޓަސްގައި އޭނާ ވިދާޅުވެފައިވަނީ "އަށް އަހަރުގެ ދިގު ހިދުމަތަކަށްފަހު މިއަދު ގެއަށް މިދަނީ އުފަލުން ހުރެ" ކަމަށާއި "އެމްއޯސީގައި ހޭދަ ކުރެވުނު މުއްދަތުގެ ތެރޭގައި ގިނަ، އަދި މުހިއްމު ކަންތައްތަކެއް ހާސިލް ކުރެވުނު ކަމަށް ޔަގީން ކުރާ" ކަމަށެވެ.
ގިނަ ބަޔަކަށް އެ ސްޓޭޓަސްގެ ސަބަބުން މަރޭ މަގާމުން އިސްތިއުފާ ދިނީއޭ ހީވިއަސް ހަގީގަތަކީ އެއީއެއް ނޫނެވެ. މަރޭ އިސްތިއުފާ ދިނީކީއެއް ނޫނެވެ. 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އޭނާ އެމްއޯސީ ޖެނެރަލް ސެކަރަޓަރީ އަކަށް އިންތިހާބުވި ދައުރު މިއަދު ނިމުމަކަށް އައީއެވެ.
ސަން ސްޕޯޓްސް އާ ވަަހަކަ ދައްކަމުން މަރޭ ވިދާޅުވީ ނިމިގެންދިޔަ އަށް އަހަރުގެ ދެ ދައުރަކީ ގިނަ ކަނަތައްތަކެއް ހާސިލްވެގެންދިޔަ އަށް އަހަރު ކަމަށާއި އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފުޓްބޯޅައިން ނޫނަސް ރާއްޖެއަށް މެޑަލް ހޯދިދާނެކަން ސަރުކާރަށާއި ކުޅިވަރުގެ އެންމެހާ ފަރާތްތަކަށް ވިސްނައިދެވުން ކަމަށެވެ. އަދި ހަމަ އެގޮތަށް 2015 ވަނަ އަހަރު އެއީ ވެދާނެ އަދި ކުރެވިދާނެ ކަމެއްކަން ޔަގީން ކޮށްދެވުމަކީވެސް ކާމިޔާބީއެއް ކަމަށް މަރޭ ވިދާޅުވިއެވެ.
" އަށް އަހަރަށް ފަހު މިއަދު ގެއަށް މިދިޔައީ ހިތްހަމަޖެހިގެން. އުފަލަކީ ފުޓްބޯޅައިން ނޫނަސް އެހެން ކުޅިވަރު ތަކުންވެސް މެޑަލް ހޯދި ދާނެ ކަން ޔަގީން ކޮށްދެވުން،" މަރޭ ވިދާޅުވިއެވެ.
މީގެ ދުވަސް ކޮޅެއް ކުރިން އެމްއޯސީގެ ކުރިއަށް އޮތް ދައުރަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިތުރު ފަރާތެއް ކުރިމަތި ނުލެއްވުމުން މުހައްމަދު ޝަވީދާއި އަހްމަދު މަރްޒޫގަށް ވަނީ މަގާމް ކަށަވަރުވެފައެވެ.
މާދަމާ ނުވަ ވަނަ އަހަރާއި ކުރިމަތިލާއިރު މަރޭ އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރު އޮންނަ އިންޑިއަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް ކާމިޔަބީ ތަކެއް ހޯދުމަކީ އުންމީދެއް ކަމަށާއި ފާއިތުވި އަށް އަހަރު ތެރޭގައި އެންމެ އާދައިގެ ކުޅިވަރު ތަކުން ހޯދުނު ކާމިޔާބީތައް ކުރިއަށް އޮތް ތަނުގައި ތަކުރާރުވުމަކީވެސް އުންމީދެއް ކަމަށެވެ.
އަލަށް އިންތިހާބުވި އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ އައު ދައުރެއް މާދަމާ ފެށޭއިރު އެ ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ ކުރިއަށް އޮތް ދައުރަކީ ގިނަ ކަންތައްތަކެއް ހާސިލްވެގެންދާނެ އަހަރެއް ކަމަށާއި ކުޅިވަރަށް ކުރި އެރުންތަކެއް ހޯދޭނެ ހަތަރު އަހަރަށް ވެގެންދަނެ ކަމަށެވެ.
އަލަށް ހޮވުނު އެމްއޯސީގެ ނައިބު ރައީސްގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ކުރީގެ ރައީސް އަހްމަދު ލަތީފް ހޮވިވަޑައިގެންނެވިއިރު، ހަޒާންދާރުގެ މަގާމަށް ހޮވިވަޑައިގެންނެވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ހުސައިން ރަޝީދެވެ.
އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ މަގާމަށް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއި ހޭންޑްބޯލް މޯލްޑިވްސް ހޮވުނުއިރު، ނޮން އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމަށް ހޮވުނީ ސްވިމިން އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަން އަދި ބެޑްމިންޓަން އެސޯސިއޭޝަނެވެ. އަދި ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ މަގާމަށް ހޮވުނީ ޕޫލް ބިލިއާޑް އެސޯސިއޭޝަނާއި ބޮޑީބިލްޑިން ފެޑެރޭޝަނެވެ.