އެމަޤުބަރާ ވަށައިގެން އޮއި ދެމެން ޖެހުނީ ކީއްވެ؟

އަލިރަސްގެފާނު މަޤުބަރާ -- ސަން ފޮޓޯ

ދިވެހި ތާރީޚުގައި އަކުރުން އަކުރަށް ލިޔެފައިވާ އެއް ޢިބާރާތަކީ، 1558 މ. ގައި، ޕޯޗުގީޒުންގެ ހަނގުރާމަވެރި ތިން ގުރާބެއްގައި ބަޑިއާއި ސިލޭހަ ތަކާއެކު ޕޯޗުގީޒުން މާލެއަށް އަރައިގަތް ކަމަށެވެ. އެވަގުތު ހުންނެވި އައްސުލްތާން ޢަލީ6، (އަލިރަސްގެފާނު)، އެމީހުންނާދެކޮޅަށް ހަނގުރާމައަށް ނިކުންނެވިއެވެ. ނަމަވެސް ޢީދު މިސްކިތާއި ހަމައަށް ވަޑައިގެން ފަހަތް ބައްލަވައި ލެއްވިއިރު، އަރިހުގައި ތިއްބެވީ ބޮޑުވަޒީރާއި ޚައްދާމުންކުރެ އެންމެ ބޭކަލެކެވެ.

އެދުވަހު ކަންވީގޮތް އެފޮތުގައި ސިފަކޮށްދީފައިވެސް އޮވެއެވެ. މި ސިފަކޮށްދިނުމުން އެނގިގެންދަނީ، އެ ތިންބޭފުޅުން އެވަގުތުވެސް ނިންމެވީ އަމާން ދެއްވަން ނޫންކަމެވެ. ހިތްވަރުގަދަ އެ ތިން ދަރިން ހަނގުރާމަޔާ ކުރިމަތި ލެއްވި ކަމެވެ. ޢަލި ރަސްގެފާނުގެ ކަނޑީގެ ހުނރަށް ޕޯޗުގީޒުންނަށް ސިހުންލިބި ފަހަތަށް ޖެހިލި ކަމެވެ. އަދި މި ހަނގުރާމައިގާ ޕޯޗުގީޒުންޖެހި ބަޑިއެއްގެ އުންޑައަކުން ޢަލި ރަސްގެފާނު ޝަހީދުވެ ވަޑައި ގެންނެވިކަމެވެ. އަނެއް ދެބޭފުޅުންވެސް ޝަހީދުވި ކަމެވެ.

ކޮންމެއަކަސް މިދެންނެވި ޙާދިސާ ހިނގައިފިއެވެ. އެއީ މާލޭގެ ހުޅަނގުފަރާތު ގޮނޑުދޮށެވެ. ޢަލިރަސްގެފާނު ޝަހީދުވެގެން ވެއްޓިވަޑައިގެން އޮންނެވީ އެދިމާ އަތިރި މަށްޗަށެވެ. ރާޅު ފޯރާ ފަށަށެވެ. އެހައިތަނުން ދިވެހިންގެ ބަޔަކު ނިކުމެ، ރަސޗގެފާނު އެ އޮންނެވި ތަނުގައި ފަސްދާނަ ލެއްވީއެވެ. އެއަށްފަހު މަހާނަ ވަށައި ގާތަކެއް ޖައްސައި، ގައު ފާރެއް ލީއެވެ. ދެން ފެންނަން އޮތީ އެ ގައު ފާރު ވަށައިގެން އޮއި ދެމެމުންދިޔަ މަންޒަރެވެ. ސުރުޚީގައި އަޅުގަނޑު ސުވާލު އުފައްދާފައި އެވާ ހިސާބަށް މި އައުދެވުނީއެވެ. އަޅުގަނޑު ކޮށްފައިއެވާ ސުވާލަކީ، " އެ މަގްބަރާ ވަށައިގެން އޮއި ދެމެން ޖެހުނީ ކީއްވެ ހެއްޔެވެ؟."

ޢަލިރަސްގެފާނަކީ ރަސްކަލެކެވެ. ޝަހީދެކެވެ. ނަމަވެސް އެވަރަކުން އެ ޝަޚުސިއްޔަތު އަދި ބުނެއެއް ނުދެވެއެވެ. އެވާހަކަ ބުނެދެވެން އަންނަނީ މާޒީގެ ކުޑަ ތަންކޮޅެއް ފަހަތަށް ޖެހިލައިގެންނެވެ. ސިފަކޮށްދޭން އަޅުގަނޑު މި އުޅޭ މަންޒަރުގެ ފޮޓޯތައް ހުރީ އެހާ ހަމައިގައެވެ.

މަޝްހޫރު ލިޔުންތެރިޔާ ޖޯޖު ޝޫރް ހަމަރ ލިޔުއްވި " ފްރެންސިސް ޒޭވިއަރ ހިޒް ލައިފް ހިޒް ޓައިމް" އަކީ، ޕޯޗުގީޒުން މީލާދީ ސަނަތުގެ 16 ވަނަ ޤަރުނުގައި ދުނިޔޭގައި ބާރު ހިންގަމުންދިޔަ ގޮތް ސިފަކޮށްދޭ ފޮތެކެވެ. މި ފޮތުގައި އިންޑިއާގައި އޭރު އޮތް ޕޯޗުގީޒުންގެ ބާރާއި ޕޯޗުގީޒުންގެ ފަރާތުން އެއިރަކު ހުންނަވާ ގަވަރުނަރުން، ޕޯޗުގީޒު ރަސްގެފާނަށް ފޮނުއްވަމުންދިޔަ ސިޓީފުޅުތަކުން ވަރަށް ގިނަ މަޢުލޫމާތު ހާމަކުރައްވާފައި ވެއެވެ. ފުރަތަމަ އަޅުގަނޑު ބަލާލަން މިއުޅެނީ އެފަދަ ސިޓީއަކަށެވެ.

އަލިރަސްގެފާނު މަޤުބަރާ -- ސަން ފޮޓޯ

އެއީ 1550 މ. އެވެ. ކޮއްޗޭގައި ހުންނެވި ޕޯޗުގީޒުންގެ ގަވަރުނަރަކީ ރޯރްގް ކަބްރާލް އެވެ. އޭނާ ޕޯޗުގީޒު ރަސްގެފާނަށް ލިޔުއްވި ސިޓީފުޅެއްގައި ބުނެފައި އޮތީ، ދިވެހިރާއްޖޭގެ ޙަސަން ރަސްގެފާނު ( ނުވަވަނަ ޙަސަން ރަސްގެފާނު) ގެ އަނބިކަނބަލުން، އެނާގެ ތިމާގެފުޅު ބޭފުޅަކާއެކު ގަވަރުނަރު އަރިހަށް ޝަކުވާ އާއިގެން އައިއްސި ކަމަށެވެ. އެ ޝަކުވާއަކީ ޙަސަން ރަސްގެފާނު އެކަމަނާގެ މުދާތައް އަތުލައްވައި ގަނޑުވަރުން ނެރެލެއްވުމެވެ.

އެވަގުތު ގަވަރުނަރު ނިންމެވީ އެކަމަނާ އަތްޕުޅަށް ޙަސަން ރަސްގެފާނަށް އަރުވަން ސިޓީފުޅެއް ދެއްވުމަށެވެ، ނަމަވެސް ކުއްލިއަކަށް ފެނުނީ ޙަސަން ރަސްގެފާނުވެސް ގަވަރުނަރު އަރިހަށް ވަޑައިގަތް ތަނެވެ. އަދި އެކަމަނާގެ ޝަކުވާ ގަވަރުނަރަށް އުފުއްލެވިއެވެ. ރަސްގެފާނު އެދިވަޑައިގަތީ އެކަމަނާ އާއި އެއް ފަސްގަނޑެއްގައިވެސް ހުންނަވަން ބޭނުންފުޅު ނުވާކަމަށާއި އެކަމަނާ ހިފެހެއްޓެވުމަށެވެ. ސަބަބަކަށް ވިދާޅުވީ އެކަމަނާއަކީ، ޙަސަން ރަސްގެފާނުގެ ބޮޑުބޭބޭފުޅަށާއި އަދި ޙަސަން ރަސްގެފާނުގެ ކުރިން ރަސްކަމުގައި ހުންނެވި އައްސުލްތާން މުޙަންމަދު ރަސްގެފާނާއިވެސް ކައިވެނިފުޅު ބެއްލެވި ބޭކަނބަލެއްކަމަށާއި މުޙަންމަދު ރަސްގެފާނު ޚަންޖަރެއް ހަރާލައިގެން ޝަހީދު ކޮށްލީވެސް އެކަމަނާ ކަމަށެވެ.

މި ފޮތުގައި މިހެން މިވާހަކަ އޮންނައިރު، ދިވެހި ތާރީޚުގައި ބުނަނީ 1548 މ. ގައި ސުލްތާން ޙަސަން ސީރާޒީ އަވަހާރަ ވުމުން ރަސްކަމަށް ވަޑައިގެންނެވި އައްސުލްތާން މުހަންމަދު ރަސްގެފާނު އަވަހާރަކޮށްލީ 9 ވަނަ ޙަސަން ރަސްގެފާނު ކަމަށެވެ. 1550 ގައި ޙަސަން9، ރަސްކަމަށް ވަޑައިގަތީ ،އޭނާގެ ބޭބޭފުޅު މުޙަންމަދު ރަސްގެފާނު ޤަތުލްކޮށްފައިކަމެވެ.

ކޮންމެއަކަސް ދެން މިފެންނަނީ އެހެން މަންޒަރެކެވެ. ކުއްލިއަކަށް ފެނުނީ ޙަސަން ރަސްގެފާނު 1551މ.ގައި ތަޚުތު ދޫކޮށްލައްވައި ކޮއްޗޭއަށް ޙިޖުރަކުރެއްވި ތަނެވެ. އަދި 1 ޖެނުއަރީ 1552 ގައި ނަސާރާދީނަށް ވެދެވަޑައިގެންނެވި ތަނެވެ. އެއަށްފަހު،ޙަސަން ރަސްގެފާނު ރާއްޖެއަށް ޕޯޗުގީޒުންގެ ހަނގުރާމަވެރިން ފޮނުއްވަމުން ގެންދިޔަ ތަނެވެ. އެއްބޭނުންފުޅަކީ، އޭރު އިސްކޮށް ތިއްބެވި ޢަބޫބަކުރާއި ޢަލީ އާއި ބޮޑުން ނަސޯރާދީނަށް ވެއްދުމަށްޓަކައި ގޯވާއަށް ގެންދެވުމެވެ. އަނެއް ބޭނުންފުޅަކީ އެރަސްގެފާނުގެ މުދައު ހޯއްދެވުމަށާއި ރާއްޖޭގެ ބައެއް ރަށްތައް އަތުލެއްވުމެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު އަބޫބަކުރު އަދި ޢަލީ އިސްކޮށް ތިއްބަވައިގެން ޕޯޗުގީޒުންނާއި ހަނގުރާމަކޮށް އެމީހުން ބަލިކޮށް، ނައުފަހަރަށް ދާންދެއް އަތުލައްވަމުން ގެންދެވިއެވެ. މި ދުވަސްވަރު ޢަލީ އާއި އަބޫބަކުރަކީ ރާއްޖެ ދިފާޢު ކުރެއްވުމުގެ ހަނގުރާމައިގެ އާރުކާޓީންނެވެ. ދިވެހި އަސްކަރުގެ ޖެނެރަލުންނެވެ. އެބޭފުޅުންގެ ހެވިކަމުގެ ހުނަރަކީ ޙައިރާން ކުރުވަނިވި ކަންކަމަށް ވެގެން ދިޔައެވެ.

ޙަސަން ރަސްގެފާނު، ރަސްކަން ދޫކޮށްލެއްވުމުން ތަޚުތު އޮތީ ހުހަށެވެ. 3 އަހަރު ރަސްކަލަކު ނެތި ފަޅުވެފައި ތަޚުތު ހުއްޓެވެ. އެދުވަސް ވަރު ރާއްޖޭގެ ކަންކަން ހިންގެވީ ޢަބޫބަކުރު ( ފަހުން ރަސްކަލެއް) ކިޔުނު ބޭކަލަކާއި ޢަލީ ( ޢަލި ރަސްގެފާނު) ކިޔުނު ބޭކަލެއްގެ ބެއްލެވުމުގެ ދަށުން އުފެދިފައިވާ ކައުންސިލަކުންނެވެ.

މިދެންނެވި މަންޒަރުގެ ތެރެއިން ފެންނަމުންދާ އެއް ފޮޓޯއަކީ، 1554ން155ށް ރާއްޖޭގެ ރަސްކަމަށް އަބޫބަކުރު އިސްކުރެވުނު ތަނެވެ. ނަމަވެސް ހަތަރު މަހެއްހައި ކުރު މުއްދަތެއްގައި ޕޯޗުގީޒުންގެ ޙަމަލާއެއްގައި ރަސްގެފާނު ޝަހީދުވިއެވެ. އެއަށްފަހު ޢަލީ6، ރަސްކަމަށް އިސްކުރެވުނެވެ. ރަސްކަމުގެ ދެމަހާ ފޮއި ދުވަހުގެ ތެރޭގައި ބައްދަލުކުރީ ނާމާން ފަތިހެކެވެ. މާލޭގެ ހުޅަނގު ފަރާތުން ޕޯޗުގީޒުން އެރޭ މާލެއަށް އަރައިގަތެވެ. ކުއްލި ޙަމަލާއަކަށް ޢަލި ރަސްގެފާނަށް ނިކުމެވަޑައި ގަންނަވަން ޖެހިވަޑައިގަތުމެވެ. އަސްކަރުންނާއެކު ނިކުމެވަޑައިގަތް ނަމަވެސް ޢީދު މިސްކިތާއި އަރާހަމަވިއިރު އަސްކަރުންނެއް ފަހަތްޕުޅަކު ނެތެވެ. ހަމައެކަނި ބޮޑުވަޒީރާއި ޚައްދާމާއެކު އެ ހަނގުރާމަ ކުރައްވަން ޖެހިވަޑައިގަތެވެ. ދިވެހި ތާރީޚުގައި އެބުނާ ވަށައިގެން އޮއި ދެމެމުންދާ މަޤްބަރާއަކަށް ފެންނަން އެހުރީ އެތަނެވެ. ޢަލި ރަސްގެ ފާނުގެ މަގުބަރާއެވެ.

މިހާ ހިސާބުން އަދި މި ފޮޓޯ ފުރިހަމައެއް ނުވެއެވެ. ސަބަބަކީ، ނުވަވަނަ ހަސަން ރަސްގެފާނު، ރާއްޖެއިން ހޯއްދަވަން ބޭނުންވި މަންފަޢުތަކުގެ ތަސްވީރު އަދި ނުފެންނާތީއެވެ. ޕޯޗުގީޒުން ޢަލި ރަސްގެފާނު ޝަހީދުކޮށް ރާއްޖެއަށް ވެރިވެގަންނަން ދިމާވީ ސަބަބަކާއި ހުރެއެވެ. އެ ސަބަބު ފެންނަނީ، މިހައިތަނަށް އައިއިރު ޕޯޗުގީޒުންގެ ވެރިއަކަށް އިންނެވި ކުއީން ކެތެރީނާއަށް ހަސަން ރަސްގެފާނު އުފުއްލެވި ޝަކުވާއިންނެވެ. މި ސިޓީ ފުޅުގެ ވާހަކަ " ފްރެންސިސް ޒޭވިއަރ ހިޒް ލައިފް ހިޒް ޓައިމް" މި ފޮތުގައި އެބަ ބުނެއެވެ.

ކަންވެގެން އަންނަގޮތަކީ، ހަސަން ރަސްގެފާނު ނަސާރާ ދީނަށް ވެންނެވުމަށްފަހު، އޭރު ހުންނެވި ގަވަރުނަރު އެންރިކް ޑި ސޫޒާ އާއިއެކު އެއްބަސްވެފައި އޮތީ، ރާއްޖެއިން ޕޯޗުގީޒުންނަށް 500 ބަހަރުގެ ރޯނު އަހަރަކު ހޯއްދަވައި ދެއްވާނެކަމަށާއި ގަވަރުނަރު ހަސަން ރަސްގެފާނަށް 3000 ޕަރުދައުސް އަހަރަކު ދެއްވުމަށެވެ. ނަމަވެސް މިކަން ހިނގަމުން ނުދާތީ އަތްމަތި ދަތިވެގެން ހަސަން ރަސްގެފާނު ކުއިން ކެތެރީނާއަށް ޝަކުވާގެ ސިޓީއެއް ފޮނުއްވައެވެ.

އެސިޓީގައި އެވަގުތު ހުންނެވި ގަވަރުނަރު "ބަކްރެއްތޯ" ހަސަން ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވަން ހުއްދަ ނުދެއްވި ކަމަށާއި ފުށިގަނޑެއްގައި ރަސްކަން ކުރެއްވުމަށްވެސް އެރަދުން ކަމުނުދާނެ ކަމަށް ގަވަރުނަރު ވިދާޅުވި ކަމަށްވެސް ލިޔުއްވާފައި އޮތެވެ. މިސިޓީ ލިބިވަޑައިގަތުމުން ގަވަރުނަރަށް ކުއިން އެންގެވީ ހަސަން ރަސްގެފާނާއިމެދު ރަނގަޅަށް ކަން ކުރެއްވުމަށެވެ. އެއާއެކު ދެން ފެނުނީ ޕޯޗުގީޒު ލަޝްކަރެއް އައިސް ރާއްޖެއަށް އަރައިގަނެ އަލިރަސްގެފާނު ޝަހީދުކޮށް، ރާއްޖެ އަޅުވެތި ކުރި މަންޒަރެވެ. އެފަހަރު 15 އަހަރުގެ އަޅުވެތިކަމަކަށް ރާއްޖެ ދިޔައެވެ. ޕޯޗުގީޒުން ރާއްޖޭގެ ފައިދާ ހުރިހާގޮތަކުން ނަގަމުން ދިޔައެވެ. ހަމައެއާއެކު ގޯވާގައި ހުންނެވި ހަސަން ރަސްގެފާނަށް އެ ދެއްވާ މިންވަރެއްގެ ފައިސާވެސް ދެމުން ގެންދިޔައެވެ.

މީލާދުގެ 16 ވަނަ ޤަރުނުގެ ތެރެއިން، އަޅުގަނޑު ދައްކައިދޭން މަސައްކަތްކުރި ތަސްވީރަކީ މިއީއެވެ. ޢަލިރަސްގެފާނުގެ މަގުބަރާގެ ވަށައިގެން ދެމެމުން ދިޔަކަމަށް ދިވެހި ތާރީޚުގައި ސިފަކުރި އޮއިވަރާއި އެ ހަށިކޮޅު ބައްދަލުކުރަން މެދުވެރިވި ސަބަބުތަކަކީ މިއެވެ.

މިއަދު މާލޭގެ މާފަންނު "ޝަހީދުޢަލީ ހިނގުން" ނިބަތްވަނީ އެ ޒިޔާރަތްހުރި މަގަށެޗެ. އެ މަގުގެ މެދަކާއި ހަމައިން ފެންނަން އެއޮތީ، އޭރު ވަށައިގެން އޮއި ދެމެމުންދިޔަ ޢަލިރަސްގެފާނުގެ މަޤްބަރާއެވެ. އޭގެ ފަހުން އިސްވެ ވަޑައިގަތް ރަސްރަސްކަލުން ޒިޔާރަތް ކުރައްވާ ތަނަކަށް އެ މަޤުބަރާ ވިއެވެ. ދިވެހި ތާރީޚުގައި އެ ޝަހީދުގެ ނަންފުޅު ކުލަގަދަކޮށް ފެވެން ފެށުނެވެ.

މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ މެއި މަހެވެ. އެމަހުގެ 8 ވަނަ ދުވަހަކީ ކަލަންޑަރު ދައްކާގޮތުން ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. އެދުވަސް ފާހަގަކޮށްފައި އެވަނީ " ޝަހީދުންގެ ދުވަސް" ކަމަށެވެ. ޝަހީދުންގެ ދުވަސް ނިސްބަތްކުރެވޭ ބަތަކީ، ތާރީޚުގައި ލިޔެވިފައިވާ ޢިބާރާތުންނަމަ، "އައްސުލްތާން ޢަލިއްޔު ބިން ޢަބްދުއްރަޙުމާނުލް ވަޒީރުލްޢައުޒަމް" (ސިރީ ދަ ސިޔާކަ ކައްތިރި މަހާރަދުން) ނުވަތަ އަލިރަސްގެފާނެވެ. އަޅުގަނޑު ލިޔަމުން މިއައި މަޒްމޫނުގެ ސުރުޚީ އަދިވެސް ދަންނަވާލަމެވެ. " އެ މަޤްބަރާގެ ވަށައިގެން އޮއިދެމެން މެދުވެރިވީ ކީއްވެ" ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް