ޕީޕީއެމްގެ ފިކުރަށް ދިވެހި ރައްޔިތުން ތާއީދު ކުރޭ: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރޯޔަލް އިންސްޓިޓިއުޝަނުގެ ހަތްވަނަ ގްލޯބަލް ކޮންގްރެސްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފިކުރަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ފިކުރެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަނުގެ އެންމެ މަތީ ޝަރަފު ކަމުގައިވާ، އެ އިންސްޓިޓިއުޝަނުގެ އޮނަރަރީ ފެލޯގެ މަގާމު ގަބޫލު ކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫން ވަނީ، ޕީޕީއެމްއިން ގަބޫލުކުރާ އަސާސުތަކާއި، އެޕާޓީގެ ފިކުރާއި ތަސައްވަރަކީ ރާއްޖޭގެ ރައްޔިތުން ތާއީދުކޮށް ގަބޫލުކުރާ އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.

"ރައްޔިތުން އެ ފިކުރަށް ތާއީދުކޮށް، އެ ގަބޫލު ކުރާތީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސްކަމަށް އިންތިޚާބުކޮށް، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އަޅުގަނޑުމެންގެ ޕާޓީއަށް ދިނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭބޭފުޅުން ވަނީ، ރާއްޖޭގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވާފައި ކަމަށެވެ.

އެގޮތުން، ރައީސް މުހައްމަދު އަމީން ދީދީ ރާއްޖެއަށް ތައުލީމު އާންމުކުރައްވައި، އަންހެނުންގެ ހައްގުތައް ކުރިއެރުއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް ނާސިރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރައްވައި، މުޅި ދުނިޔެއަށް ރާއްޖެ ހުޅުވައިލެއްވި ކަން ރައީސް މައުމޫން ފާހަގަ ކުރެއްވި އެވެ.

އަދި، އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއިން އިޖްތިމާއީ، އިގްތިސާދީ، ސަގާފީ އަދި ސިޔާސީ ގޮތުން ވިޔަސް ހާސިލުކުރި ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ވަނީ ރާއްޖޭގެ ރައްޔިތުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

comment ކޮމެންޓް