ނ. ވެލިދޫގެ ބޮޑު ބަޔަކަށް އުދައަރައިފި އެވެ.
ސަން އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަލީ އަހުމީމް ވިދާޅުވީ، މިއަދު މެންދުރު 12:00 ހާއިރުން ފެށިގެން އެރަށަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށެވެ.
"ދެކުނު ފަރާތުން އުދަ އަރަނީ. ގިރާ ސަރަހައްދު އެއީ، ގާތްގަނޑަކަށް ރަށުގެ 300،400 ފޫޓަށް އުދަ އަރައިފި،" އަހުމީމު ވިދާޅުވި އެވެ.

ނ.ވެލިދޫ އަށް އަރަމުން އަންނަ އުދަ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: ވެލިދޫ ކައުންސިލް
އަހުމީމް ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން އެއްވެސް ގެއަކަށް އަދި މުދަލަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ. ނަމަވެސް ލިބިދާނެ ގެއްލުމަކަށް ރައްކާތެރި ވުމުގެ ގޮތުން އެމްޓީސީސީ އާއި ރައްޔިތުން އަދި ކައުންސިލް ގުޅިގެން ލޮނުގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެ ސަރަހައްދަށް ފަސް އަޅައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ދަނީ،" އަހުމީމް ވިދާޅުވި އެވެ.
މާލެ އާއި އަދި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ކުރިން އުދައިގެ އަސަރުކުރާ ސަރަހައްދުތަކަށް އުދައެރުމުގެ ފުރުސަތު، އަންނަ ހޯމަ ދުވަހާ ހަމައަށް އެބަ އޮތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފި އެވެ.