ލަނޑާ ކެއްކި ފެން ކަނޑަށް އަޅައިގެން ވެލިދުއިން ގިނަ އަދަދެއްގެ މަސް މަރުވި ކަމަށް ތުހުމަތުވާ މައްސަލައެއް

ވެލިދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތަކެއް މަރުވެފައި ---

ނ. ވެލިދޫ ބަނދަރަށް ތެޔޮ އަޅަން ކައިރިކުރި ދޯންޏަކުން، 'ލަނޑާ' މަސް ކައްކާފައިވާ ފެން އެ ރަށުގެ ފަޅުތެރެއަށް އެޅުމުގެ ސަބަބުން ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވެފައިވާ ކަމަށް ވެލިދޫ ކައުންސިލުން މިއަދު ބުނެފިއެވެ.

ނ. ވެލިދޫ ބަނދަރު ތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތަކެއް މަރުވެފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ވެލިދޫ ކައުންސިލްގެ ނައިބު ރައީސާ ހާފިޒާ އިބްރާހީމް ވިދާޅުވީ އެ މަސްތައް މަރުވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެ ރަށަށް ތެޔޮ އެޅުމަށް ކައިރިކުރި ލަނޑާ ނަގާ ދޯންޏަކުން ލަނޑާ ކައްކާފައިހުރި ފެންތައް އެރަށުގެ ފަޅުތެރެއަށް އެޅުމުން ކަމަށެވެ. އަދި ދޯނީގައި ތިބި މީހުން ލަނޑާ ކައްކާފައިވާ ފެންތައް ފަޅުތެރެއަށް އެޅިކަމަށް އެ މަންޒަރު ދުށް މީހުން ބުނަމުންދާ ކަމަށް ހާފިޒާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ލަނޑާ ކައްކާފައިވާ ފެން އެޅުމުން މީގެ ކުރިންވެސް އެފަދަ މައްސަލަތައް ދިމާވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"ފަޅުތެރޭގައި ހުރި މަސްތައް މަރުވެގެން މައްޗަށް އަރާފައި ހުރި ކަމަށްވޭ މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި. ހަމަ އެކަން އެ ގޮތަށް ދިމާވެފައި ހުރިކަމަށް ވަނީ. އެހެންވީމަ ބޮޑަށް ހަމަ ލަފާ ކުރެވެނީ އެކަމާ ގުޅިގެން [ލަނޑާ ކައްކާފައި ހުރި ފެން އެޅުމުން] ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް،" ވެލިދޫ ކައުންސިލްގެ ނައިބު ރައީސާ ހާފިޒާ އިބްރާހީމް ވިދާޅުވިއެވެ.

ހާފިޒާ ވިދާޅުވީ މި ދުވަސްވަރަކީ އެ ރަށުގެ ފަޅުތެރެއަށް ގިނަ އަދަދަކަށް މުށި މަސް ވަންނަ ދުވަސްކޮޅެއް ކަމަށެވެ.

އެހެންކަމުން ވަރަށް ގިނަ އަދަދެއްގެ މީހުން ހަވީރު ގަޑީގައި މުށި މަސް ބާނާ ކަމަށާއި އެ ރަށަކީ މިހާރު ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅނަދުތައް ވެސް މަދު ރަށަކަށް ވުމުން ގިނަ ބަޔަކު ކާން ބޭނުންކުރަނީ މުށި މަސް ކަމަށް ހާފިޒާ ވިދާޅުވިއެވެ.

ވެލިދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތަކެއް މަރުވެފައި ---

އޭނާ ވިދާޅުވި ގޮތުގައި ކަނޑު މަސް ލިބެނީ އެހެން ރަށެއްގެ ދޯންޏަކުން އެ ރަށަށް އައިސް މަސް ވިއްކުމުންނެވެ. އެހެންކަމުން ގިނަ އަދަދެއްގެ މުށި މަސްތަކެއް މަރުވުމަކީ އެ ރަށުގެ ރައްޔިތުންނަށް ވަރަށް ދެރަކޮށް ދިމާވި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބޮޑަށް ހަމަ ބެލެވެނީ ތެޔޮ އަޅަން އައި ދޯނިން ލަނޑާ ފެން އެޅުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް މިއީ. އަޅުގަނޑުމެންނަށް ސީދާ އެއީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް ނޭނގެ. އެކަމު ފުލުހުންގެ އެހީތެރިކަމާއެކު އެ މައުލޫމާތު ހޯދޭނެ އަޅުގަނޑުމެންނަށް،" ވެލިދޫ ކައުންސިލްގެ ނައިބު ރައީސާ ހާފިޒާ އިބްރާހީމް ކިޔައިދެއްވިއެވެ.

ހާފިޒާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ މަސްތައް ނަގައި ބަނދަރުތެރެ ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.

"ފަޅުތެރެ ސާފުކުރަނީ މިހާރު. ފަޅުތެރެއަށް ވަދެގެން އަންނަ އިރުވެސް މިހާރު ކުނިވަސް ދުވާ. އެހާ ބައިވަރު މަރުވެގެން މައްޗަށް އަރާފަހުރީމަ އެހެންތާ ވާނީ. އަޅުގަނޑުމެން ބޮޑު ވަޅުގަނޑެއް ކޮނެފަ މަސްތައް ނަގަމުން އެ ވަޅުގަނޑަށް އަޅަނީމި،" ހާފިޒާ އިބްރާހީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަނޑާ ނެގުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެކެވެ.

މިކަމާ ގުޅިގެން އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަދި ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް