ލަނޑާ ނަގާ ދޯންޏެއް ކަމަށް ބުނެވުނީ އޮޅިގެން، މަސްތައް މަރުވަން ދިމާވި ސީދާ ސަބަބެއް ނޭނގެ: ވެލިދޫ ކައުންސިލް

ވެލިދޫ ބަނދަރުތެރޭގައި ގިނަ އަދަދެއްގެ މަސްތަކެއް މަރުވެފައި ---

ނ. ވެލިދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މަސްތަކެއް މަރުވެފައި އޮތީ ލަނޑާ ނަގާ ދޯންޏެއްގެ އިހުމާލުން ކަމަށް ބުނެވުނީ އޮޅިގެން ކަމަށާއި ސީދާ މަސްތައް މަރުވި ސަބަބެއް ނޭނގޭ ކަމަށް ވެލިދޫ ކައުންސިލުން ބުނެފިއެވެ.

ނ. ވެލިދޫ ބަނދަރު ތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތަކެއް މަރުވެފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން ވެލިދޫ ކައުންސިލްގެ ނައިބު ރައީސާ ހާފިޒާ އިބްރާހީމް ފުރަތަމަ 'ސަން' އަށް ވިދާޅުވީ، އެ މަސްތައް މަރުވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެ ރަށަށް ތެޔޮ އެޅުމަށް ކައިރިކުރި ލަނޑާ ނަގާ ދޯންޏަކުން ލަނޑާ ކައްކާފައިހުރި ފެންތައް އެރަށުގެ ފަޅުތެރެއަށް އެޅުމުން ކަމަށެވެ.

އެއަށްފަހު ހާފިޒާ ވަނީ ލަނޑާ ނަގާ ދޯންޏެއްގެ އިހުމާލުން ކަމަށް ބުނެވުނީ އޮޅިގެން ކަމަށާއި ފުލުހުން މިހާރު އެ ދޯނީގެ ވެރިފަރާތަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެ ދޯންޏަކީ ލަނޑާ ނަގާ ދޯންޏެއް ނޫން ކަމަށާއި އެއީ ފާނަ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށާއި އެ ދޯންޏަކީ ފަރުމަހުގެ މަސްވެރިކަމަށް ހުއްދަދީފައިވާ ދޯންޏެއް ކަމަށް ހާފިޒާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަސްތައް މަރުވީ އެކަމާ ގުޅިގެން ނޫން ކަމަށް ހާފިޒާ ވިދާޅުވިއެވެ.

ވެލިދޫ ބަނދަރުތެރޭގައި ގިނަ އަދަދެއްގެ މަސްތަކެއް މަރުވެފައި ----

އޭނާ ވަނީ މިހާރު ގަބޫލުކުރެވޭ ގޮތުގައި ފަރުތެރެއިން މަސްތައް މަރުވީ، ފަރުތެރޭގައި މަސްތައް ގިނަވެ، ދިޔަވަރު ހިކެން ދިޔަ ވަގުތު އޮކްސިޖަން ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބިގެން ކަމަށެވެ.

"އެހެންވީމަ އެކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ބެލެވެނީ. ބޮޑަށް ބެލެވެނީ މިހާރު ފަޅުތެރޭގަ ގިނަވެގެން ދިަޔަވަރު ހިކެން ދިޔަ ގަޑިއާ ދިމާވީމަ މަސްތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވެނީ. އެކި ގޮތް ގޮތަށް ދެކެވެނީ ސީދާ އަސްލު ވީ ގޮތެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގެ." ކައުންސިލްގެ ނައިބު ރައީސާ ހާފިޒާ އިބްރާހީމް ކިޔައިދިނެވެ.

ހާފިޒާ ވަނީ މަސްތައް މަރުވަން ދިމާވި ސީދާ މައްސަލައެއް ނޭނގޭ ކަމަށާއި އެކި މީހުން ވާހަކަދައްކަނީ އެކި ގޮތްގޮތަށް ކަމަށެވެ.

އޭނާ ވަނީ އެރަށަކީ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތައް މަދު ރަށަކަށް ވުމުން އެރަށުގެ ގިނަ މީހުން ކެއުމަށް މުށިމަސް ބޭނުންކުރާކަން ފާހަގަކޮށްފައެވެ. އަދި މިއީ ރައްޔިތުންނަށް ލިބުނު ބޮޑު ދެރައެއްގެ ގޮތުގައި ހާފިޒާ ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް