ނ. ވެލިދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތަކެއް މަރުވެފައިވާ މައްސަލަ އެ ރަށު ކައުންސިލާ ގުޅިގެން ބަލަމުންދާ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓްރީ އޮތޯރެޓީ (އީއާރުއޭ) އިން މިއަދު ބުނެފިއެވެ.
ނ. ވެލިދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތަކެއް މަރުވެ، މައްޗައް އަރާފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް އެ ރަށު ބަޔަކު ވަނީ އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން އީއާރުއޭއިން ބުނީ، އެ މައްސަލަ ރަސްމީކޮށް އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި ނަމަވެސް ލިބިފައިވާ މައުލޫމާތާއެކު ކައުންސިލާ ގުޅިގެން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެ އޮތޯރިޓީއިން ވަނީ މައުލޫމާތު ދީފައެވެ.
ވެލިދޫއިން މުށި މަސްތައް މަރުވި މައްސަލަ އީއާރުއޭއިން ބަލަނީ --- ފޮޓޯ: ހާފިޒާ އިބްރާހީމްއެކަމާ ގުޅިގެން ވެލިދޫ ކައުންސިލްގެ ނައިބު ރައީސާ ހާފިޒާ އިބްރާހީމް ފުރަތަމަ 'ސަން' އަށް ވިދާޅުވީ، އެ މަސްތައް މަރުވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެ ރަށަށް ތެޔޮ އެޅުމަށް ކައިރިކުރި ލަނޑާ ނަގާ ދޯންޏަކުން ލަނޑާ ކައްކާފައި ހުރި ފެންތައް އެ ރަށުގެ ފަޅުތެރެއަށް އެޅުމުން ކަމަށެވެ.
ނަމަވެސް ފަހުން ހާފިޒާ ވަނީ އެ ދޯންޏަކީ ލަނޑާ ނަގާ ދޯންޏެއް ނޫންކަމަށް ފުލުހުން ކައުންސިލަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މަސްތައް މަރުވި ސީދާ ސަބަބެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ދިޔަވަރު ހިކުމުގެ ސަބަބުން މަސްތަކަށް ބޭނުންވާ އޮކްސިޖަން ނުލިބިގެން މަރުވީ ކަމަށް ހާފިޒާ ވިދާޅުވިއެވެ.
ވެލިދޫއިން މުށި މަސްތައް މަރުވި މައްސަލަ އީއާރުއޭއިން ބަލަނީ --- ފޮޓޯ: ހާފިޒާ އިބްރާހީމްއޭނާ ވަނީ އެރަށަކީ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތައް މަދު ރަށަކަށް ވުމުން އެރަށުގެ ގިނަ މީހުން ކެއުމަށް މުށިމަސް ބޭނުންކުރާކަން ފާހަގަކުރައްވައިފައެވެ. އަދި މިއީ ރައްޔިތުންނަށް ލިބުނު ބޮޑު ދެރައެއްގެ ގޮތުގައި ހާފިޒާ ވަނީ ފާހަގަކުރައްވައިފައެވެ.