"ހަން މުށިން ޖަހައިގެން މި ޒަމާނުގައި ނޫސްވެރިން މައިތިރިއެއް ނުކުރެވޭނެ"

މިދިޔަ މަހުގެ ތެރޭގައި ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ނޫސްވެރިން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަނީ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން

ހަން މުށިން ޖަހައިގެން ނޫސްވެރިން މައިތިރި ކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށާއި މި ޒަމާނުގައި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޒާހިރު ވިދާޅުވީ ކުރިއަށް ވުރެ ބޮޑަށް ދިވެހި ގައުމަށް މިއަދު ނޫސްވެރިންގެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެން ހީކޮށްގެން ނުވާނެ ހަންމުށި ޖަހައިގެން ނޫސްވެރިން މައިތިރިކުރެވޭނެ [ކަމަށް]. އެކަމެއް ނުވާނެ މި ޒަމާނަކު. ކިތަންމެ ވަރަކަށް އުޅުނަސް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޖާގަދީ، މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް ހޯދަން ޖެހޭކަން ޒާހިރު ފާހަގަކުރެއްވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ސީނާ ޒާހިރު ވާހަކަދައްކަވަނީ. ޒާހިރުގެ ވާހަކައަށް ނޫށްވެރިންގެ ވަރަށް ބޮޑު ތަރުހީބަކައި ތާއީދެއް ލިބިގެން ދިޔަ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޒާހިރު ވިދާޅުވީ މިއަދު ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ކަމަށާއި އެކަން ހައްލު ކުރެވޭނީ ނޫސްވެރިންނާއި ސަރުކާރު އަދި މަޖިލީހުން ވެސް އެކުގައި ވާހަކަ ދައްކައިގެން ކަމަށެވެ.

"މި ޒަމާނުގައި ފިއްތައިގެން ނުގެންގުޅެވޭނެ. މި ޒަމާނުގައި މަސައްކަތް ކުރަން ޖެހޭނީ ގުޅިފައިވާ މާހައުލެއްގައި،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވަނީ ގައުމުގައި ހިނގާ ކަންކަމުގެ އެންމެ އަޑިއަށް ފީނާ ކަމުގެ ހަގީގަތް ހޯދައިގެން އެކަންކަން ރައްޔިތުންނަށް ތިލަކޮށްދިނުމަށް ތަހުގީގީ ނޫސްވެރިކަން ކުރުމަށް ހުރިހާ ނޫސްވެރިންނަށް ގޮވާލައްވައިފަ އެވެ.

"ނޫސްވެރިން އެ މަސައްކަތް ކުރެއްވީމާ ރައްޔިތުންނަށް އެ މައުލޫމާތު ލިބޭނީ. ޑިމޮކްރަސީގެ ވަރަށް މުހިންމު ތަނބެއް ނޫސްވެރިންނަކީ. އެހެން ތަނބުތައް ވެއްޓިފައި އެހެން ތަނބުތަކުގައި ރެނދު ލާފައި ހުއްޓަސް މި ތަނބުގައި ރެނދު ލައިގެން ނުވާނެ. މި ތަނބު ވަރަށް ކެރެން ޖެހޭނެ،" ނޫސްވެރިންނަށް ހިތްވަރު ދެއްވަމުން ހަފަތާ ނޫހުގެ ނަމުގައި ކުރިން ނޫހެއް ހިންގެވި ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކޮރަޕްޝަނުން ފުރިފައިވާ މުޖުތަމައުއެއްގައި" ނޫސްވެރިންގެ ރޯލު ވަރަށް މުހިންމު ކަމަށާއި ނޫސްވެރިކަމަކީ ވަރަށް ކެރޭ އަދި ހީވާގި މީހުންނަށް ނޫނީ ނުކުރެވޭނެ މަސައްކަތެއް ކަމަށެވެ.

comment ކޮމެންޓް