ވޮޝިންޓަން (މޭ 3): މީގެ ފަސް އަހަރު ކުރިން އެމެރިކާ އިން މަރާލާފައިވާ އަލް ގައިދާގެ ލީޑަރ،ު އުސާމާ ބިން ލާދިން ޕާކިސްތާނުގައި ފިލައިގެން އުޅުނި އިރު އެ ގައުމުގެ އަސްކަރިއްޔާ އަށް އެކަން އެނގޭ ކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކޮލިންޓަން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ހިލަރީ އެފަދަ އިން ވިދާޅުވީ ސީއެންއެންއާ ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންނަށް އެކަން ސާބިތުކޮށް ނުދެވުނު ނަމަވެސް، [ބިން ލާދިންގެ] އާދަޔާ ހިލާފަށް ބިނާކޮށްފައިވާ ގޭގެ ވަށައިގެން އެގައުމުގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށްފައިވާ އޮފިޝަލުން ދިރިއުޅެމުން ދިޔަ. އަދި އަސްކަރިއްޔާގެ އެކެޑަމީ ކައިރީ އެގެ އަޅާފައި ހުރުމަކީ މާބޮޑު އިއްތިފާގެއް،" ހިލަރީ ވިދާޅުވި އެވެ.
ިހިލަރީ ވިދާޅުވީ އަސްކަރިއްޔާގެ އިސް ފަރާތްތަކަށް ނޭނގި ބިން ލާދިން އަށް އެސަރަހައްދުގައި ބޮޑު ގެއެއް އެޅުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ބިން ލާދިންއާ ގުޅުމެއް އޮތްކަން ސާބިތު ނުކުރެވުނު ނަމަވެސް ބިން ލާދިން ފިލައިގެން އުޅުނީ އެ ގައުމުގައި ކަން އޭރު "އެގައުމަށް އެނގޭ" ކަމަށް ގަބޫލު ކުރައްވާ ކަމަށް ހިލަރީ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ 100 ކިލޯ މީޓަރު ދުރުގައި އޮންނަ އަސްކަރީ ޝަހަރެއް ކަމަށްވާ އަބޮޓްއާބާދުގައި، ސަލާމަތީ ކަންތައްތައް ވަރުދަގަކޮށްފައިވާ ގެއެއްގައި ފިލައިގެން ދިރިއުޅެމުން އައި ބިން ލާދިން މަރާލީ މޭ 2011ގަ އެވެ.
އެމެރިކާ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނަށް ފަހު އުސާމާ ބިން ލާދިން މަރާލާފައިވާ ކަން އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެވެ.