ނޭޝަނަލް ބަށި ބޯޅަ އެސޯސިޢޭޝަން(އެންބީއޭ) ގައުމީ ކުޅިވަރެއްގެ ގޮތުގައި ބަށި ހަމަޖެއްސި ފަހުން ފުރަތަމަ ފަހަރަށް އެ ކުޅިވަރުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނާއި ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ޖުމްލަ 43 ބައިވެރިންނާ އެކު މިދިޔަ މަހުގެ 28 އިން 30 ވަނަ ދުވަހާ އަށް ހަމައަށް ކުރިއަށް ގެންދިޔަ އެ ޕްރުގްރާމް ފުރިހަމަ ކޮށް ސެޓްފިކެޓް ހާސިލް ކުރީ 39 ބައިވެރިންނެވެ.
އެކަމަށް ޓަކައި ރޭ އެފްއޭއެމް ހައުސްގައި ބޭއިވި ރަސްމިއްޔާތެއްގައި ސެޓްފިކެޓް ހާސިލް ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދިނީ ފުޓްބޯޅަ ރެފްރީ އަލީ ސަލީމް އެވެ. އޭނާ ވަނީ އެ ޕްރޮގުރާމްގައި ބައިވެރިންނަށް ކިޔަވައި ވެސް ދީފަ އެވެ.
އެންބީއޭގެ ފުރަތަމަ ތަމްރީން ޕްރޮގުރާމްއާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަމުން އެ އެސޯސިއޭޝަންގެ އެއް މުއްސިސް އަދި ވައިސް ޗެއާޕާސަން އައިމިނަތު ލީލާ ވިދާޅުވީ މީގެ 50 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކުޅުމުން އަންނަ އެ ކުޅިވަރުގެ އޮފިޝަލުންނާއި ރެފްރީން ތަމްރީން ކުރުމަށް ވަރަށް ގިނަ ޕްރޮގުރާމްތަކެއް ހިންގާފައިވާނެ ކަމަށާއި ނަމަވެސް ރޭގައި އެ ނިމިގެން ދިޔައީ ރަސްމީ ހައިސިއްޔަތުން ބޭއްވި ފުރަތަމަ ޕްރޮގުރާމް ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ވަރަށް ގިނަ މަސަތްކަތްތަކެއް ކުރަމުން. އެ ގޮތުން ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އޮފިޝލުންނާއި ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގުރާމްއެއް ފެށުމަށް މަސަތްކަތް ކުރަމުން މި އަންނަނީ،" ލީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ އަތޮޅަކުން ވެސް އެއް ރަށުގައި ބާއްވަން މަސަތްކަތް ކުރާ އެ ޕްރޮގުރާމްގައި ޔޫތު މިނިސްޓްރީގެ ބައިވެރިވުމާ އެކު އެ މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ވެސް ލިބޭނެ ކަމަށެވެ.