މިދިޔަ މަހު ފަތުރުވެރިން ރާއްޖެ އައި އަދަދު 20 އިންސައްތަ ދަށަށް

މެދުއިރުމަތީ ހަނގުރާމައާއެކު ރާއްޖެއަށް ދަތުރުކުރާ މައި އެއާލައިންތަކުގެ ފްލައިޓުތައްވަނީ މަދުވެފައި. އޭގެ ތެރޭ ގަތަރު އެއާވޭސް ވެސް ހިމެނޭ ---- ފޮޓޯ/ އެމްއޭސީއެލް

މިއަހަރުގެ މާރިޗު މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20.7 އިންސައްތަ ދަށްވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ކޮވިޑަށްފަހު އައި އެންމެ ބޮޑު ދަށްވުމެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައެވެ. އެހެންނަމަވެސް، ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ކުރިއެރުމާއެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ 633,769 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތުންނެވެ.

  • މާރިޗު މަހު ފަތުރުވެރިން އައި އަދަދު 161,259 އަށް ދަށްވެފައިވޭ
  • މިއީ ކޮވިޑަށްފަހު އައި އެންމެ ބޮޑު ދަށްވުން
  • ފުރަތަމަ ކުއާޓަރުގައި ޖުމްލަ 633,769 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި
  • އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިން

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 20 އިންސައްތަ ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ކޮވިޑަށްފަހު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިހާ ބޮޑު ދަށްވުމެއް އައި ފުރަތަމަ ފަހަރެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް 203,468 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 161,259 އަށް ދަށްވެފައެވެ. މިއީ 20.7 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހު، މިދިޔަ އަހަރުގެ އެ މަސްތަކާ އަޅާބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު %5.0 އަދި %15.7 ވަނީ އިތުރުވެފައެވެ. ނަމަވެސް، މާރިޗު މަހު އިތުރަށް ފުޅާވި މެދުއިރުމަތީގެ ހަނގުރާމައާ ހެދި އައި ބޮޑު ހީނަރުކަމުގެ ސަބަބުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ ކުރިއެރުން ވަނީ %1.1 އަށް މަޑުޖެހިފައެވެ.

މި އަހަރުގެ ޖަނަވަރީން މާރިޗުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 633,769 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރެކޯޑުކުރެވުނު 632,422 ފަތުރުވެރިންނާ އަޅާބަލާއިރު ވަރަށް ކުޑަ ކުރިއެރުމެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގައި އޮތީ ޗައިނާއެވެ. މިދިޔަ މަހު ފަތުރުވެރިން އައި މިންވަރު ދަށްވި ނަމަވެސް، އޭޝިއާގެ މާކެޓުން އައި އަދަދުން މާ ބޮޑު ބަދަލެއް ފާހަގަނުވެއެވެ. އެގޮތުން، އިއްޔެގެ ނިޔަލަށް ޗައިނާއިން 94,823 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މުޅި ޖުމްލަ ފަތުރުވެރިންގެ ގާތްގަނޑަކަށް 15 އިންސައްތައެވެ.

މި މުއްދަތުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާއިން 12.5 އިންސައްތަ ނުވަތަ 79,326 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 9.7 އިންސައްތަ ނުވަތަ 61,162 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމުގެ ތެރޭ ދެން ހިމެނެނީ އިޓަލީއާއި ޖަރުމަނުވިލާތެވެ.

އެންމެ ގިނައިން އަންނަ 10 ގައުމުގެ ތެރޭ ދެން ހުރި ގައުމުތަކަކީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި ޕޮލެންޑެވެ.

comment ކޮމެންޓް