މި މަހުގެ ފުރަތަމަ ހަފުތާގައި 36،333 ފަތުރުވެރިން ރާއްޖެ އައިއިރު، އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ދަށްވުމެއްކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިމަހުގެ އެއްވަނަ ދުވަހުން ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 36،333 ފަތުރުވެރިން އައިއިރު މިދިޔަ އަހަރު އެ މުއްދަތުގައި 49،074 ފަތުރުވެރިން އައެވެ. އެހެންކަމުން އެއީ 26 އިންސައްތައިގެ ދަށްވުމެކެވެ.
ހަމައެއާއެކު ޖެނުއަރީން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އައިސްފައި ވަނީ 684،908 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރު އެ މުއްދަތުގައި 689،634 ފަތުރުވެރިން ރާއްޖެ އައިއިރު އެއީ 4،726 ފަތުރުވެރިންގެ ދަށްވުމެކެވެ.
އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް މިހާރު އަންނަނީ 7،061 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައިސް މަޑުކުރަނީ ރިސޯޓުތަކުގައެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގައި 462،361 ފަތުރުވެރިން، ގެސްޓްހައުސްތަކުގައި 173،434 ފަތުރުވެރިން އަދި ހޮޓެލްތަކުގައި 18،865 ވަނީ މަޑުކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ އުޅަނދުތަކުގައި 14،568 ފަތުރުވެރިން މަޑުކުރިއިރު އެހެނިހެން ތަންތަނުގައި 873 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.
ރާއްޖޭގެ ޓޮޕް-10 މާކެޓުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ޗައިނާ މާކެޓެވެ. ދެވަނައަށް ރަޝިއާ އަދި ތިންވަނައަށް އިނގިރޭސިވިލާތުގެ މާކެޓެވެ. އެގޮތުން:
- ޗައިނާ: 100،185 ފަތުރުވެރިން
- ރަޝިއާ: 84،739 ފަތުރުވެރިން
- ޔޫކޭ: 65،105 ފަތުރުވެރިން
- އިޓަލީ: 59،396 ފަތުރުވެރިން
- ޖާމަނީ: 46،245 ފަތުރުވެރިން
- އިންޑިއާ: 28،349 ފަތުރުވެރިން
- ފްރާންސް: 22،530 ފަތުރުވެރިން
- ޔޫއެސްއޭ: 17،631 ފަތުރުވެރިން
- ސްވިޒަލޭންޑް: 15،128 ފަތުރުވެރިން
- އޮސްޓްރިއާ: 13،157 ފަތުރުވެރިން
ފާހަގަކޮށްލެވޭ ގޮތުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.