ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން މާލޭގެ އެންމެ ދުވަސްވީ އެއް ބޭކަރީ، އެލްސިއޯން ބޭކަރީ ބަންދުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެލްސިއޯން ބޭކަރީގެ އިންސްޕެކްޝަން މި މަހު 20 ވަނަ ދުވަހު ހެދުމަށް ފަހު އެބޭކަރީ ސާފުތާހިރު ނޫން ކަމަށް ފެންނާނީ ބަންދުކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތޫމާ އާދަމް މިއަދު ސަން އަށް ވިދާޅުވީ އެލްސިއޯން ބޭކަރީ ބަންދު ކުރީ މީހަކު ކުރި ޝަކުވާއެއް ބެލި އިރު، ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭ ކަންތައްތަކެއް އެ ބޭކަރީން ފެނުމުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ކަމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ ބޭކަރީއަށް ރަނގަޅު ކުރަން އެންގިކަންކަން ރަނގަޅުކުރުމަށް ފަހު މިހާރު އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށާއި ވަރަށް އަވަހަށް އަލުން ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ.
އާންމު އުސޫލެއްގެ ދަށުން އެގޮތަށް ބަންދުކުރާތަންތަން އަލުން ހުޅުވޭނީ ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިން ބުނާމިންގަނޑަކަށް ބަދަލުކުރުމުންނެވެ.
އެލްސިއޯން ބޭކަރީއަކީ ގިނަ އަދަދަކަށް ތަފާތު ވައްތަރުގެ ކެއިންބުއިމަށް ބޭނުންވާތަކެތި އުފައްދާތަނެކެވެ. އޭގެ ތެރޭގައި ޕާނާއި ބަނަސް ހިމެނެ އެވެ.
އެލްސިއޯން ބޭކަރީ ބަންދުކުރުމާ އެކު މާލޭ ބާޒާރުގައި ޕާން މަދުވެ ޕާންލިބުމުގައި އިއްޔެ ވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ.