'ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ކޭކް މިކްސް'އިން އުކުނު ފެނި، ބޭނުންނުކުރަން އަންގައިފި

އެމްއެފްޑީއޭގެ ތަހުލީލުން، ތަޣައްޔަރުވެފައިވާ ކަމަށް ފާހަގަކުރެވުނު އެއް އުފެއްދުމަކީ ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ކޭކް މިކްސްގެ ޗޮކްލެޓް ފަޖް ޕެކެޓުތައް --

ދިވެހިން އާންމުކޮށް ކޭކް އަޅަން ބޭނުންކުރާ ބްރޭންޑެއް ކަމަށްވާ ބޭޓީ ކްރޮކާގެ ބައެއް ކޭކް މިކްސްއިން އުކުނު ފެނިފައިވާތީ، އެ ބާވަތުގެ ކޭކް މިކްސް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އުކުނު ފެނިފައިވަނީ ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ކޭކް މިކްސްގެ ޗޮކްލެޓް ފަޖް އާއި މިލްކް ޗޮކްލެޓް ބާވަތުންނެވެ.

އެ ބަޔާނުގައިވާ ގޮތުން، އެ ބާވަތުގެ ޕެކެޓެއްގައި އުކުނު ހުރިކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އެކަން ބަލައި، އެ އުފެއްދުމުގެ ސާމްޕަލްތަކެއް މާލޭ ބާޒާރުން ނަގައި އެމްއެފްޑީއޭއިން ތަހުގީގުކުރިއެވެ.

އެ ތަހުލީލުތަކުން، އެ ސާމްޕަލްތަކުގައި 'ލަމްޕްސް' ނުވަތަ ގަނޑުލާފައިހުރުމުގެ އިތުރުން ބައެއް ސާމްޕަލްތައް އުކުނު ފަދަ ދިރޭ ސޫފިތަކަކުން ތަޣައްޔަރުވެފައިވާކަން ފާހަގަކުރެވުނު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން އެ ތަކެއްޗަކީ ކެއުމަށް ރައްކާތެރި ތަކެތި ނޫންކަމަށާއި، އެ ބާވަތުގެ ޕެކެޓް ބޭނުންނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގައިފައެވެ.

އެމްއެފްޑީއޭއިން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އުކުނު ފެނިފައިވަނީ އަންނަ މާޗު މަހުގެ 18އަށް މުއްދަތު ހަމަވާ، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް ކޭކް މިކްސްއިންނެވެ. އަދި ދެން ތަޣައްޔަރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ އަންނަ އޭޕްރިލް މަހުގެ 13އަށް މުއްދަތު ހަމަވާ، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް ކޭކް މިކްސްއިންނެވެ.

އެ އޮތޯރިޓީން ވަނީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު 3014361 އާއި 7603204 ނަމްބަރުން ލިބޭނެ ކަމަށް ބުނެފައެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ބައެއް ކާބޯތަކެއްޗާއި ބޭހުގެ ވެސް ބައެއް ބެޗުތައް ތަޣައްޔަރުވެފައިވުމުން، އެ ބާވަތުގެ އުފެއްދުންތައް ބޭނުންނުކުރަން މީގެ ކުރިން ވެސް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން، ޕްލާސްޓިކް ހިމެނޭތީ، ޓޮބްލެރޫންގެ ބައެއް ޗޮކްލެޓް ވިއްކުން މިދިޔަ މަހު މަނާކުރިއެވެ.

comment ކޮމެންޓް