ބެކްޓީރިއާ ހިމެނޭ ގަނޑުކުރި ތަރުކާރީގެ އިތުރު ޝިޕްމަންޓެއް އަނެއްކާވެސް ރާއްޖެއަށް އެތެރެވެއްޖެ

ގަނޑުކުރި ތަރުކާރީތަކެއް.ބެކްޓީރިއާ ހިމެނޭ ގަނޑުކުރި ތަރުކާރީގެ އިތުރު ޝިޕްމަންޓެއް އަނެއްކާވެސް ރާއްޖެއަށް އެތެރެވެފައިވާތީ ސަމާލުވުމަށް އެފްޑީއޭއިން ވަނީ ގޮވާލައިފައި--

އިންސާނާގެ ހަށިގަނޑަށް، ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީގެ އިތުރު ޝިޕްމަންޓެއް އަނެއްކާވެސް ރާއްޖެއަށް އެތެރެވެފައި ވުމުން އެތަކެތި ރާއްޖޭގެ ބާޒާރުން ނެގުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ފަށައިފިއެވެ.

އެފްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް" ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ގަނޑު ކުރި ތަރުކާރީ އިތުރު ޝިޕްމަންޓެއް ރާއްޖެގެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކް އަދި ޔޫރަޕްގެ އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ.

މިހާރު އެ ތަރުކާރީ ރާއްޖޭގެ ބާޒާރުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ތަޣައްޔަރުވެފައިވާ ތަރުކާރީ ހިމެނެނީ "ޕިންގުއިން" ބްރޭންޑުގެ ގަނޑުކޮށްފައިވާ ކޯން ގްރެއިންސްގައެވެ.

https://sun.mv/108094

މިދިޔަ ހޯމަ ދުވަހުވެސް އެފްޑީއޭއިން ވަނީ ތަގައްޔަރު ވެފައިވާ ކަމަށް ބެލެވޭ ގަނޑުކުރި ތަރުކާރީގެ އެހެން ބްރޭންޑުތަކެއް ރާއްޖެއަށް އެތެރެވެގެން އުޅޭ ކަމަށް ބުނެ ސަމާލުވުމަށް ގޮވައިލައިފައެވެ. އެއީ "ޑަޓް ޝައުބް" ބްރޭންޑުގެ މިކްސްޑް ވެޖިޓަބަލްސް އެ ބްރޭންޑުގެ ސްވީޓް ކޯންއެވެ.

އެ ބްރޭންޑުތަކުގެ ތަރުކާރީ ވިއްކަން ހުރިނަމަ އެކަން އެފްޑީއޭއަށް އެންގުމަށް އެ އޮތޯރިޓީ އިން ވަނީ އެދިފައެވެ.

"ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އަކީ ސިކުނޑި އަދި ސްޕައިނަލް ކޯޑު ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި އިންފެކްޝަން އުފައްދާ ބެކްޓީރިއާއެކެވެ. އެ ބެކްޓީރިއާ އަކީ މާބަނޑު އަންހެނުންނަށާއި، އަލަށް ވިހާ ކުދިންނަށާއި، އުމުރުން ދަވަސްވީ މީހުންންގެ އިތުރުން ދިފާއީ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ހާއްސަކޮށް ނުރައްކާތެރި ބެކްޓީރިއާއެކެވެ.

comment ކޮމެންޓް