މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަކީ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު ކަމަށް އެ ކްލަބުގެ ސްޕެއިން މިޑްފީލްޑަރު އެންޑާ ހެރޭރާ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލު މެޗުގައި ޑެހެއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން ދެވަނަ ހާފުގައި ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ މަތަކޮށް، ޖެރާޑް ޑޫލޮފާ ފޮނުވާލި ހަމަލާ ވެސް ޑެހެއާ މަތަކުރި އެވެ. އެ މެޗުން ޔުނައިޓެޑް 2-1 ލަނޑުން މޮޅުވެ، ފައިނަލުގެ ޖާގައެއް ވަނީ ކަށަވަރުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ އަހަރުގެ އެންމެ މޮޅު ޓީމުގައި ތިން ވަނަ ފަހަރަށް ހޮވުނު ޑެހެއާ އާ ބެހޭގޮތުން ހެރޭރާ ބުނީ، ޑެހެއާ އުފަންވެފައި ވަނީ ހާއްސަ ހުނަރުތަކަކާ އެކު އެވެ.
"އަހަރެން ވަކި ބުނާނެ އެއްޗެއް ނެތް. އޭނާއަކީ ދުނިޔޭގެ އެއް ވަނަ. އިނގިރޭސިވިލާތުގައި އެއެއް އެނގޭނީ. ދުނިޔޭގެ އެހެން ހިސާބުތަކުގައި އެމީހުން ވިސްނަނީ އެތަންތަނުގައޭ އެންމެ މޮޅެތި ގޯލްކީޕަރުން ތިބީ. އެކަމަކު އަހަރެން އެގޮތަކަށް ގަބޫލެއް ނުކުރަން. އަހަރެމެން ޓްރޮފީތައް ކާމިޔާބުކުރާ އިރު، އޭނާގެ ނަން އިތުރަށް ފާހަގަކުރެވޭނެ،" އޭނާ ބުންޏެވެ.
ހެރޭރާ ބުނީ، ޑެހެއާއަށް ހާއްސަ ހުނަރެއް ލިބިފައިވާ ކަމަށާއި އެފަދަ ހުނަރެއް ލިބުމަކީ އޭނާގެ ނަސީބު ކަމަށެވެ. އަދި އެފަދަ ހުނަރެއް ނެތް މީހަކު ވެއްޖެއްޔާ އާންމުކޮށް ޖެހެނީ ބުރަ މަސައްކަތުން ކުރިއެރުން ހޯދަން ކަމަށް ވެސް ހެރޭރާ ބުންޏެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ނުކުންނަން ޖެހޭނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އެ މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.