ކޯސްޓުލައިން ހާޑުވެއާގައި އަލިފާން ރޯވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އަންނަ ހަފްތާގެ ތެރޭގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖިހާދު ވިދާޅުވީ، އެ ހާދިސާގައި ގެއްލުން ލިބުނު ތަންތަނުގެ އެސެސްމެންޓެއް ހެދުމަށްފަހު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިހާރު ވަނީ ހުށަހަޅާފައި ކަމަށެވެ.
ޖިހާދު ވިދާޅުވީ، މިމަހުގެ 18 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ކޯސްޓުލައިން ހާޑުވެއާ އިން އެއް މިލިއަން ރުފިޔާ ދީފައިވާއިރު، ހެޔޮއެދޭ އެހެން ފަރާތަކުން ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އޭގެއިތުރުން އެފަރާތްތަކަށް ސަރުކާރުން ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
"ފައިސާތައް ހަވާލުކުރާއިރު އަޅުގަނޑުމެން ހަވާލުކުރާނީ ކޯސްޓުލައިން ހާޑުވެއާގެ ފަރާތުން އެހީގެ ގޮތުގައި ހަވާލުކުރުމަށް ދިން ފައިސާ އާއި އަދި ހެޔޮއެދޭ ފަރާތަކުން ދީފައިވާ ފައިސާގެ އިތުރުން އެފަރާތްތަކަށް ސަރުކާރުންދޭ އެހީގެ ފައިސާ،" ޖިހާދު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު އެ ސަރަހައްދުގެ އެކި ގެތަކުގައި ދިރިއުޅުނު 136 މީހަކު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެ އެންމެން ވެސް ބައިތިއްބާފައި ވަނީ ގެސްޓު ހައުސްތަކުގައެވެ.
ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ބުނީ އެ ސެންޓަރުގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 70 މީހުން ކަމަށެވެ.
ކޯސްޓުލައިން ހާޑުވެއާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުން ވެސް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްނުވެ ގިނައިރުތަކެއް ވީފަހުން، އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އަލިފާން ނިއްވާ ލޮރީ ގެނެސްގެން އެއާޕޯޓު މުވައްޒަފުންގެ ވެސް އެހީތެރިކަމާ އެކު އެވެ.
އެތަނުގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ. ފުލުހުން ބުނީ އެ ސަބަބު ހޯދުމަށްޓަކައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.