މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭނަށް ރައީސް މުޙައްމަދު ނަޝީދު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގައި، އެ މަނިކުފާނާ ބައްދަލުކުރާ ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި, ކަނޑަމުންދާ ކަމަށް ބުނެ، އެފަދަ މީހުންނަށް އެހީ ފޯރުކޮށްދޭނެ ކަމަށް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.
ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މަނިކުފާނުގެ އިސްތިގުބާލުގައި ބައިވެރިވާ އަދި ބައްދަލުކުރާ މީހުން ވަޒީފާއިން ސަސްޕެންޑުކޮށް، ވަކިކުރުން ފަދަ އަނިޔާވެރި އަމަލުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ.
އެފަދަ އަމަލުތައް މިހިނދުން މިހިނދަށް ހުއްޓާލުމަށާއި، އަޅާފައިވާ ފިޔަވަޅުތައް އިޔާދަކުރުމަށް އެ ޓީމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފަކަށް ވިޔަސް އަދި ސިވިލް ސާވިސް މުވައްޒަފަކަށް ވިޔަސް، ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަން އެ ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.
އަދި ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކަށް މަރުހަބާ ކިޔުމުގެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
"ސަރުކާރުން އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބުގެ ތެރެއަށް ވަދެގަތުމުގެ ބޭނުމުގައްޔާއި އަދި އާންމުކޮށް ދިވެހި ރައްޔިތުންނަށް ބިރުދެއްކުމުގެ ބޭނުމުގައި ހައްގުތަކަށް އަރައިގަނެ، ނިގުޅައިގަންނަމުންދާ ދިއުން ކުށްވެރިކޮށް އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލަން،" ނަޝީދުގެ ކެމްޕޭން ޓީމުގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މިފަދަ ނުހައްގު ފިޔަވަޅުތަކާ ދެކޮޅަށް ގާނޫނީ ފަރުވާ ހިމެނޭހެން ތެދުވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ދީފައެވެ. އަދި ފިޔަވަޅުތަކުގެ ޝިކާރައަށްވާ މީހުންގެ ކަންކަން ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ.
ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާއިރު، އެ މަނިކުފާނު ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ މަނިކުފާނު ގެންދަވަނީ ރައީސަށް ތާއީދު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ދެން އަންނަ ރިޔާސީ އިންތިޚާބަކުން ރައީސް މުއިއްޒު ނާކާމިޔާބު ކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.