ޔޫރަޕްގެ އިއްތިޙާދުން ވަކިވެއްޖެ ނަމަ އިނގިރޭސިވިލާތް ވެއްޓިގެންދާނީ ކިޔުގެ އެންމެފުލަށް: އޮބާމާ

ޑޭވިޑް ކެމެރޮން އާއި އޮބާމާ

ލަންޑަން (އެޕްރީލް 23) : އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވެއްޖެ ނަމަ ކިޔުގެ އެންމެ ފުލަށް އެގައުމު ވެއްޓިގެންދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވައިފި އެވެ.

އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެއްވި ބަޔާނެއްގައި އެގައުމުގެ ވޯޓުލާ ރައްޔިތުންނަށް އިޝާރާތް ކުރައްވައި އޮބާމާ ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުން ވަކިވެއްޖެ ނަމަ ކިޔުގެ އެންމެ ފުލަށް އިނގިރޭސިވިލާތް ވެއްޓިގެންދާނެ ކަމަށާ އެމެރިކާ އިން އިނގރޭސިވިލާތަށް މިހާރުދޭ ޚާއްސަ އިސްކަން އެފަދަ ޙާލަތެއްގައި ދޭން ދަތިވާނެކަމުގަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާ ބައްދަލުކުރެއްވުމަށް ފަހު އޮބާމާ ވިދާޅުވީ އިނގިރޭސިވިލާތުގެ ބާރާއި ހައިބަތާ އަދި ނުފޫޒު ދުނިޔޭގައި އޮންނާނީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި އޮވެގެންކަމަށާއި އީޔޫގެ މެންބަރުކަމުން ވަކިވުމަށް ނިންމައިފި ނަމަ އެއީ އިނގިރޭސީން ހަދާނެ އެންމެ ބޮޑު ގޯސްކަމުގަ އެވެ. އިނގިރޭސިވިލާތަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ އެންމެ ބޮޑު އެއްބާރުގެ ގޮތުގައި އޮތުމަށް ފަހު ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި ވަރަށްބޮޑަށް ބަލިކަށިވެ އަދި ދުނިޔޭގެ ތިންވަނަ ދަރަޖައިގެ ބާރުތަކުގެ ލިސްޓަށް ސޮއްސާލާފައިވާ ގައުމެކެވެ.

ާއާބާދީގެ ގޮތުންނާއި ސިނާއީ ގޮތުންނާއި އަސްކަރީ ގޮތުންނާ އަދި އިގްތިސާދީގޮތުން ބެލިނަމަވެސް އިންޑިއާ އަށް ވުރެ ވެސް އިނގިރޭސީންގެ އަސްކަރީ އަދި އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ބާރު މިއަދު ކުޑަ އެވެ. ނަމަވެސް ދުނިޔޭގެ ވިޔަފާރީގެ މައި ބާޒާރެއްގެ ގޮތުގައި ލަންޑަން ދެމެހެއްޓުމުގަ އާއި އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން ދެމެހެއްޓުމުގައި އިނގިރޭސިވިލާތަށް ކާމިޔާބީތަކެއް ލިބިފައިވެ އެވެ. ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން އިނގިރޭސިވިލާތަށް ވުރެ ހައްގު އަދި އެގައުމަށް ވުރެ ބާރާއި ނުފޫޒު އެތައް ގައުމެއް އަދުގެ ދުނިޔޭގެ މަސްރަހުގައި ހަރަކާތްތެރިވަމުންދެ އެވެ. އަދުގެ އިނގިރޭސިވިލާތަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް އިގްތިސާދީ އަސްކަރީ އަދި ޓެކްނޮލޮޖީގެ އެހީތައްދީގެން ގައުމުތައް ކޮންޓްރޯލްކޮށްގެން އުޅެވޭފެންވަރުގެ ބާރެއްނޫނެވެ. އޭގެ ބަދަލުގައި އިނގިރޭސިވިލާތަކީ އެހެން ގައުމުތަކެކޭ އެއްފަދައިން އެ ގައުމުގައި އިންވެސްޓްކޮށްދިނުމަށް އެދި ޗައިނާއާއި ގަތަރާއި އެނޫންވެސް ދުނިޔޭގައި ފައިސާހުރި ބޮޑެތި ބިޔަ އިންވެސްޓަރުންގެ ކިބައިން އެހީއަށް އެދެމުންގެންދާ ގައުމެކެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުން ބޭނުންވާ އިރު މިކަމާމެދު އެގައުމުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 23 ގައެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގެ އިއްތިޙާދާ އެކަހެރިވެގެން މިހާރަށް ވުރެ މޮޅުލިބޭނެ ގައުމެއް ކަމުގެ ހުވަފެން ޑޭވިޑް ބޮޑުވަޒީރު ކެމެރޮން އާއި އޭނާގެ ސަރުކާރުގެ ބައެއް އިސްބޭފުޅުން ދެކެވަޑައިގަތް ނަމަވެސް އިނގިރޭސި އާންމުންގެ ގިނަ ބަޔަކު މިގޮތަށް ނުދެކޭކަން ޚިޔާލު ހޯދުމުގެ ފަހުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ. މިގޮތުން ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އިނގިރޭސި ރައްޔިތުންގެ ގިނަބަޔަކު ދެކޮޅު ހަދާކަން ޚިޔާލު ހޯދުމުގެ ފަހުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް