ސުލްހައިގެ މަޝްވަރާތައް އޮންނާނެ ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އީރާނުން ބުނީ އެއްބަސްނުވާ ކަމަށް

އެމެރިކާގެ ރައީސް ޓްރަމްޕް -- ފޮޓޯ: ގެޓީ

އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ މަޝްވަރާތަކެއް ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެފަދަ މަޝްވަރާއަކަށް އީރާނުން އެއްބަސްވެފައި ނުވާނެކަމަށެވެ. މީގެ އިތުރުން، އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒެޝްކިޔާން ވަނީ އެމެރިކާއިން އީރާނުގެ ބޯޓުތަކަށް ހަމަލާދީ، ބަނދަރުތައް ހިސާރުކުރަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެމެރިކާގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީން މަހުރޫމްކުރުން ކަމަށާއި، އެމެރިކާގެ އެދުންތަކަށް އީރާނުން ބޯނުލަނބާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ އަމަލުތަކުގައި އިޚްލާސްތެރިކަމެއް ނެތްކަމަށާއި، ޓްރަމްޕްގެ ބަޔާންތަކަކީ ކަނޑައެޅިގެން ދޮގުކަމަށް އީރާނުން ވަނީ ސިފަކޮށްފައެވެ.

  • ޕާކިސްތާނުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކުގައި އީރާނުން ބައިވެރިނުވާނެކަމަށް އެގައުމުން ބުނެފިއެވެ.
  • އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށް، އާގު ބޯޓަކަށް ހަމަލާދީފައިވާކަމަށް އީރާނުގެ ރައީސް ތުހުމަތުކުރެއްވިއެވެ.
  • އެމެރިކާގެ މަގްސަދަކީ އީރާން އަމާންދީ ނިއުކްލިޔާ ޓެކްނޮލޮޖީން މަހުރޫމްކުރުން ކަމަށް އީރާނުން ދެކެއެވެ.
  • އެމެރިކާގެ ޑިމާންޑުތަކަށް ބޯލަނބަން އީރާން ތައްޔާރަށް ނެތްކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.
  • ޓްރަމްޕްގެ ބަޔާންތަކަކީ ކަނޑައެޅިގެން ދޮގުކަމަށް އީރާނުން ސިފަކޮށްފައިވެއެވެ.

ތެހެރާން (20 އެޕްރީލް 2026): އީރާނާއެކު ސުލްހައިގެ ވާހަކަތަކުގެ އިތުރު ބުރެއް މިއަދު ބާއްވާނެކަން ހާމަކޮށް މިކަމަށްޓަކައި އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ފޮނުވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނިނަމަވެސް މިފަދަ ބުރެއްގެ ވާހަކަތަކަށް ދިޔުމަށް އެއްބަސްވެފައި ނުވާނެކަމަށް އީރާން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އިސްމާއީލް ބަގާއީ ވިދާޅުވީ އީރާނާއެކު މަޝްވަރާގެ އިތުރު ބުރެއް މިއަދު ޕާކިސްތާނުގައި އޮންނާނެކަމަށް ބުނެ ޓްރަމްޕް ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމުގައެވެ. ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދަނީ ޓްރަމްޕްގެ މަންދޫބުންގެ މެދުގައި ނޫނީ އެމެރިކާގެ މަންދޫބުންނާއި ޕާކިސްތާން އާ ދެމެދުގައި ކަމަށްވާނަމަ އެއީ ތެދަކަށް ވެދާނެކަމަށާއި ނަމަވެސް އީރާން މި މަޝްވަރާތަކުގައި ބައިވެރިވާނެކަމަށް ބުނެ އެމެރިކާ ފަތުރަނީ ކަނޑައެޅިގެން ދޮގެއްކަމަށް އިސްމާއީލް ބަގާއީ ވިދާޅުވިއެވެ.

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި އީރާނާއެކު ބާއްވާ މަޝްވަރާތަކަށް ޓްރަމްޕްގެ މަންދޫބުންގެ ގޮތުގައި ޖެރަޑް ކުޝްނާ އާއި ސްޓީވް ވިޓްކޯވް އިސްލާމް އާބާދަށް މިއަދު ދާނެއެވެ. މި ފަހަރުގެ މަޝްވަރާތަކުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިނުގަންނަވާނެކަމަށްވެސް ވައިޓްހައުސްގެ ތަރުޖަމާނު ބުނެފައިވެއެވެ.

އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒެޝްކިޔާން ވިދާޅުވިގޮތުގައި އެމެރިކާ ގެންދަނީ އޮމާން ކަނޑުގައިވާ އީރާނުގެ ބަނދަރުތައް ހިސާރުކުރަމުންނެވެ. އަދި އެމެރިކާ ސިފައިންވަނީ އަރަބި ކަނޑުން ދަތުރުކުރަމުން ދިޔަ އީރާނުގެ އާގު ބޯޓަކަށް ހަމަލާދީ އޭގެ އިތުރުން އެ ބޯޓަށް ސިފައިން އަރައި ކަނޑުފޭރުމުގެ ޖަރީމާތަކެއްވެސް ހިންގާފައެވެ.

މީގެއިތުރުން އެމެރިކާ އަދިވެސް ބޭނުންވަނީ އީރާން އަމާންދިނުމަށާއި ނިއުކްލިޔާ ޓެކްނޮލޮޖީން އީރާން މަހުރޫމް ކުރާގޮތަށް އެއްބަސްވުމަކަށް އައުމަށް ކަމަށާއި މިފަދަ މަޝްވަރާއަކަށް އީރާން ނުދާނެކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ގާނޫނުގައި ލިބިދޭ ހައްގުތަކުން އީރާން މަހުރޫމް ކުރާގޮތަށް އަދި އީރާން ހަތިޔާރު ބަހައްޓައި އެމެރިކާއަށް އަމާންދޭ ގޮތް ނޫންގޮތަކަށް އެއްބަސްވުމަކަށް ދާން އެމެރިކާ ބޭނުން ނުވާކަމަށް ޕާކިސްތާން މެދުވެރިކޮށް އެމެރިކާ އީރާނަށް ދިން މެސެޖްތަކުން ސާފުވެފައިވާކަމަށްވެސް އީރާންގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާ މިގޮތް ބޭނުން ނަމަވެސް އީރާން އޮތީ އެމެރިކާ އެދޭ ކޮންމެ އެދުމަކަށް ބޯލަނބައި އެމެރިކާ އެދޭ ކޮންމެ ކަމެއް ކޮށްދޭ އެމެރިކާގެ ގޮނޑިކޮއްކޮ އަކަށްވާން ތައްޔާރަށް ނޫންކަމަށް އީރާންގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާ ކުރަމުންގެންދާ ޑިމާންޑުތަކުގެ އިތުރުން އެމެރިކާ ގެންދަނީ އިރުއިރުކޮޅަކުން އެގައުމުގެ ވިސްނުން ބަދަލުކުރަކުރަމުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޓްރަމްޕް އެއްފަހަރު ދޭ ބަޔާން އަނެއް ފަހަރު ދޭ ބަޔާނާ ފުށުއަރާ، އެމެރިކާ އީރާންގެ ކިބައިން ހާސިލްކުރަން ބޭނުންވާ ކަންކަމަކީ މިނިވަން މުސްތަގިއްލު ގައުމަކަށް ގަބޫލުކުރެވޭނެ ކަންތައްތަކެއްނޫން" އީރާންގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާއަކީ ސުލްހައިގެ ވާހަކަތަކުގެ ތެރެއިންވެސް އީރާނަށް ބޮންއަޅައި އީރާނަށް ދެފަހަރު ކެހި ދީފައިވާ ގައުމެކެވެ. މިގޮތަށް އެމެރިކާގެ އަމަލުތައް ހުރުމުން އެމެރިކާގެ ކިބައިގައި އިޚްލާސްތެރިކަމެއް އޮތްކަން އީރާން ދެނެގަންނާނީ ކިހިނެއްތޯ އަދި ތިންވަނަ ފަހަރަށް އެމެރިކާ ކެހިނުދޭނެކަން ގަބޫލުކުރާނީ ކިހިނެއްތޯ އީރާންގެ ރައީސް ސުވާލު އުފެއްދެވިއެވެ.

ޓްރަމްޕް ވަނީ އެމެރިކާ އެދޭ ހުރިހާ އެދުންތަކަށް އީރާން ދީލާލައިފާ ވާކަމަށް ބުނެ އެތައް ފަހަރަކު ވާހަކަ ދައްކާފައެވެ. އީރާންވަނީ ޓްރަމްޕް ހަދަނީ ކަނޑައެޅިގެން ދޮގުކަމަށާއި ޓްރަމްޕްގެ ދޮގުތަކަށް ރައްދުދިނުމަކީ ވަގުތު ބޭކާރު ކުރުންކަމަށް ސިފަކޮށްފައެވެ.

comment ކޮމެންޓް