އީރާނާއެކު އެއްބަސްވުމެއް ގާއިމު ކުރެވެންދެން ހިސޯރުކުރުން ދަމަހައްޓާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/ބީބީސީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު ވަކި އެއްބަސްވުމަކަށް އާދެވެންދެން އެމެރިކާގެ ކަނޑުގެ ސިފައިން އީރާނާ ދެކޮޅަށް ފަށާފައިވާ ހިސޯރުކުރުން ދަމަހައްޓާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ އިސްލާމްއާބާދުގައި ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އީރާނުން މި މަޝްވަރާތަކުގައި ބައިވެރިވާނެ ކަން އަދި ޔަގީނެއް ނޫނެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ބޯޓެއް ހިފެހެއްޓުމުން އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށް، މިއީ އެމެރިކާގެ އަމަލުތަކަށް ދިން ރައްދެއް ކަމަށް ބުނެފައެވެ. ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ބުދަ ދުވަހު ހަމަވާނެއެވެ.

  • އީރާނާއެކު އެއްބަސްވުމަކަށް އާދެވެންދެން އެމެރިކާއިން ބްލޮކޭޑް ދަމަހައްޓާނެ ކަމަށް ޓްރަމްޕް ވިދާޅުވުން
  • ޕާކިސްތާނުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކުގައި އީރާނުން ބައިވެރިވާނެކަން އަދި ކަށަވަރު ނުވުން
  • އެމެރިކާ ސިފައިން އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފެހެއްޓުމާއެކު ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރުވުން
  • އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އަނެއްކާވެސް ހުރްމުޒް ކަނޑުއޮޅި ބަންދުކުރުން

އީރާނާއެކު އެއްބަސްވުމެއް ގާއިމު ކުރެވެންދެން އެމެރިކާގެ ކަނޑުގެ ސިފައިން ގާއިމުކޮށްފައިވާ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ކުުރުމަށް އަޅާފައިވާ ހުރަސްތައް ދަމަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށި ބްލޮކޭޑަކީ "އީރާން މުޅިން ހަލާކުކޮށްލާ ކަމެއް" ކަމަށް ޓްރަމްޕް އެ މަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި ލިޔުއްވާފައިވާއިރު، އެެމެރިކާއިން އެ ކަމުން ކާމިޔާބު ހޯދަމުން އަންނަ ކަމަށްވެސް ޓްރަމްޕް ލިޔުއްވާފައެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރުގައި އީރާނުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ނެތް ދަނޑިވަޅެއްގައެވެ. އެމެރިކާ އާއި އީރާނުން އެއްބަސްވެފައިވާ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ވަގުތު ބުދަ ދުވަހު ހަމަވާނެއެވެ.

ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ބަލައި މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

އެެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވެންސް ވެސް މަޝްވަރާތަކަށް މިއަދުގެ ވަގުތެއްގައި ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އީރާނުން ބުނަނީ ބައިވެރިވުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ބްލޮކޭޑް ފެށިފަހުން އެމެރިކާ ސިފައިން ވަނީ 27 އުޅަނދަކަށް އަނބުރާ ދިއުމަށް ނުވަތަ އެނބުރި އީރާނުގެ ބަނދަރަކަށް ދިއުމަށް އަންގާފައި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެއެވެ.

އަދި އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް ވެސް އެމެރިކާއިން ވަނީ ހުއްޓުވައި އަތުލައިގަނެފައެވެ.

އެއީ " ކަނޑުފޭރުމުގެ އަމަލެއް" ކަމަށާއި އެއީ ދެގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމާ ޚިލާފު ކަމެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންދިޔަ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައެެވެ.

ހޮނިހިރު ދުވަހު ކަނޑުއޮޅި ހުޅުވާލި ނަމަވެސް އެމެރިކާއިން އަރަބި ކަނޑާއި އޮމާން ކަނޑުގައިވާ އީރާނުގެ ބަނދަރުތައް ހިސާރު ކޮށްފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން އާދީއްތަ ދުވަހު އީރާނުން އަނެއްކާވެސް ކަނޑުއޮޅި ބަންދުކުރިއެވެ.

އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެެމެރިކާއިން އީރާނުންގެ ބަނދަރުތައް ހިސޯރުކުރުން ހުއްޓާލަންދެން ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށް އީރާނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް