ރިޔާސީ ލޮންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހާޒިރު ނުކުރާތީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއްގޮވި މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިރާޖު ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅަށް އަރައިވަޑައިގެން އޭގައި އައިއީޑީއެއް ހަރުކުރި ކަމަށް ބުނެ އަދީބުގެ މައްޗަށް ދައުވާ ކުރާއިރު ކުރީގެ ރައީސް މައުމޫން ވެސް އަދީބަށް ވުރެ ފަހުން އެއިން ދަތުރުފުޅު ކުރެއްވި ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް މައުމޫންގެ ބަޔާނެއް ނަގާފައިނުވާ ކަމަށާއި އެހެންކަމުން އެއީ ފުރިހަމަ ތަހުގީގެއް ނޫން ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން ދެ ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވެ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައިއީޑީއެއް ހަރުކުރުމަށްޓަކައި އަދީބަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން އެ ލޯންޗަށް އަރާފައިވާ ކަމަށް ބުނެއެވެ.
އެ ދައުވާ އަށް އަދީބު މިއަދު ވަނީ އިންކާރު ކުރައްވާފަ އެވެ.
އަދީބުގެ އިތުރުން އޭނާގެ ކުރީގެ ދެ ބޮޑީގާޑުން ކަމުގައިވާ މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހްމަދު އާމިރުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމުގައި މިއަދު އޮތީ ދައުލަތުގެ ފަރާތުން ދައުވާ ސާފުކޮށްދިނުމެވެ. އެ ދައުވާ އަށް އަދީބު އިންކާރު ކުރައްވާފައިވާއިރު، އޭނާގެ ދެ ބޮޑީގާޑުން ވެސް މިއަދު ވަނީ އިންކާރު ކުރައްވާފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ގޮވި އައިއީޑީއަކީ ދުރާލާ ރާވައިގެން އަދީބު މީހަކު ލައްވައި ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އީއައިޑީ ތައްޔާރުކުރި މީހާ ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދިފާއީ ވަކީލުން މިއަދު ވިދާޅުވީ ދައުވާ ފޯމާއި ދައުވާ ލިބޭ މީހުންގެ ތަހުގީގު ބަޔާން ފިޔަވައި އިތުރު އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ދިފާއުގައި ހެކި ހުށަހެޅޭނީ އެ ލިޔުންތައް ލިބިގެން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހްމަދު ރަޝީދު ވިދާޅުވީ މިހާތަނަށް ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ހުރިހާ ލިޔުންތަކެއް ވެސް ދިފާއީ ވަކީލުންނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ލިޔުންތައް ހުށަހެޅުމަށް ތިން ދުވަހުގެ ފުރުސަތެއް ދެއްވުމަށްފަހު އޭގެތެރެއިން ދޫކުރެވެން ހުރި ލިޔުންތައް ދެން އޮންނަ އަޑުއެހުމެއްގެ ކުރިން ދިފާއީ ވަކީލުންނަށް ދޫކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމެވެ.