ގާޒީ، އަދީބަށް: ތައުބާވި ކަމަށްވާނީ ހަގީގަތް ހާމަކޮށް، ފައިސާ ހޯދައިދިނުމުން

އަދީބުގެ މައްސަލަ ގެއްލެވި ގާޒީ ހަސަން ސައީދު --

ތައުބާވި ކަމަށް ވާނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ހަގީގަތް ދައުލަތަށް ހާމަކުރައްވައި، ގެއްލުނު ފައިސާ އަނބުރާ ހޯދައިދެއްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނަސޭހަތް ދެއްވަމުން އޭނާގެ މައްޗަށް ހުކުމް އިއްވެވި ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ މައްސަލައިގައި މިއަދު ވަނީ ހުކުމްތައް އިއްވައިފަ އެވެ. ދައުލަތާއި އަދީބާ ދެމެދު ހެދި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތަށް އަދީބު 20 އަހަރަށް ޖަލަށް ލައި އޭނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ގާޒީ މިއަދު ހުކުމް ކުރެއްވި އެވެ. އެ ހުރިހާ ދައުވާއެއްގެ ހުކުމް އިއްވަން ދޮޅުގަޑިއިރަށްވުރެ ގިނަ އިރު ހޭދަ ވި އެވެ.

ހުކުމްތައް އިއްވައި ނިމުމުން، ގާޒީ ވަނީ އަދީބަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

"މިއަދު އަޅާލާނެ އެއްވެސް ފަރާތެއް ނުހުންނާނެ. މިހެން މި ދެންނެވީ ނަފްސާ އަޅާލާނެ އެންމެ ފަރާތެއް ވާނީ. އެހެންވީމަ ނަފްސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، އަދީބު ކުރެއްވީ ދިވެހި ދައުލަތް ލަދުގަނެ މުޅި ދުނިޔެއަށް ފަޟީހަތްވި ކަމެއް ކަމަށެވެ. އެ ވާހަކަ މިއަދު ދެއްކެވީ އަދީބަށް ދެރަ ގޮތެއް އެދިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހި ދައުލަތް ލަދުގަންނަ ފަދަ ކަމެއް، މުޅި ދުނިޔެއަށް ފަޟީހަތްވެގެން ދިޔަ ކަމެއް،" ގާޒީ ވިދާޅުވި އެވެ.

ޒުވާނަކަށްވެހުރެ ގައުމުގެ އެހާ ބޮޑު މަގާމެއް ލިބިވަޑައިގެންނެވި ގޮތް ހަނދުމަފުޅުކުރައްވަން އޭނާ އެދިވަޑައިގަތެވެ. އަދި އަމަލު ކުރެވުނު ގޮތާ މެދު ވިސްނުމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑު އެދެން ބާކީ އޮތް ދުވަހު އަމިއްލަ ނަފްސު މުރާޖައާކޮށް، އެކަން ވީ ގޮތް އަމިއްލަ ނަފްސާ ސުވާލުކޮށް، އޭގެ ހަގީގަތް ދިވެހި ދައުލަތަށް ހިއްސާކޮށް، މި ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުން. އެ ނޫނިއްޔާ ތައުބާވި ކަމެއް ނުވެވޭނެ،" ގާޒީ ވިދާޅުވި އެވެ.

ގެއްލިފައި ވަނީ އެކެއްގެ ހައްގެއް ނޫން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގެއްލިފައި ވަނީ މުޅި މުޖުތަމައުގެ ހައްގު ކަމަށެވެ.

"މިއަށް އިންސާފު ހޯދައިދެވޭނީ މި ފައިސާ ދިވެހި ދައުލަތަށް ލިބިގެން. އެހެންވީމަ އެ ވާހަކަ ދެންނެވީ،" ގާޒީ ވިދާޅުވި އެވެ.

ދައުލަތާއެކު އަދީބު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި އެހެން މީހުންގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ދެމުންނެވެ. އޭނާ މީގެ ކުރިން ވިދާޅުވެފައި ވަނީ ގެއްލުނު ފައިސާ ހޯދޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އޭރު ކުރެވުނު ކުށަށް ތައުބާވެ، ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް އަދީބު ވަނީ މީގެ ކުރިން ޝަރީއަތުގެ މަޖިލީހުގެ ވިދާޅުވެފަ އެވެ.

comment ކޮމެންޓް