އަދީބު ހުޅުމާލޭ އަމިން އެވެނިއުއަށް ބަދަލުވެވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޭނާ 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ފްލެޓަކަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.

ދައުލަތުން އަދީބާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އަދީބަށް މިދިޔަ އޮކްޓޯބަރު މަހުުގެ ފަސް ވަނަ ދުވަހު ވަނީ 20 އަހަރުގެ ހުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމާނާކޮށްފަ އެވެ. އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އޭނާ ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އެނގިފައިވާގޮތުން އަދީބު ހުޅުމާލޭ އަމިން އެވެނިއުއަށް ބަދަލުވެވަޑައިގަތީ މިދިޔަ ހަފްތާގަ އެވެ. އޭނާ އަދިވެސް ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތީ ކަރެކްޝަންސްއިން އޭނާ ދިރިއުޅުއްވާ ގޭގައި ސެކިއުރިޓީ ބަލަހައްޓަ އެވެ.

މީގެ ކުރިން އަދީބު ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ނިދަން ޖެހެނީ ސްލީޕް އެޕްނިއާ މެޝިނެއް ގުޅައިގެން ކަމަށެވެ. އޭގެ އިތުރުން ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޯމާވެސް އޭނާއަށް ޖެހިފައިވާ ކަމަށް ވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.

ކުރިން ދައުވާ ކުރީ ބޮޑު ހިޔާނާތުގެ ވަކިވަކި މުއާމާލާތްތަކާއި ވަކި ކުށުގެ އަމަލުތަކަށެވެ. ފަހުން ހަތް ދައުވާ އެކުލަވާލީ ގިނަ އަދަދެއްގެ މުއާމަލާތްތައްކާއި ކުށުގެ އަމަލުތައް ހަތް ދައުވާއަށް އެއްކޮށްލައިގެންނެވެ.

ނަމަވެސް، ޕީޖީ ހުސެއިން ޝަމީމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން އަދީބަށް 150ދައުވާކޮށް، އޭނާ 806 އަހަރަށް ޖަލަށްލެވޭނެހާ ހެކި ހުއްޓެވެ.

އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ. އެހެންވެ، އޭނާއަށް ލުއި އަދަބެއް ދިނީތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެ އެވެ.

comment ކޮމެންޓް