ބޮޑު ހިޔާނާތަށް އިއުތިރާފުވުމުން، އަދީބު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކޯޓަށް ވަޑައިގަންނަވަނީ: އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޭނާ 20 އަހަރަށް ޖަލަށް ލާން މިއަދު ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން އޭނާ 20 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަދީބުގެ މައްޗަށް އިއްވި ހަތް ދައުުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ.

އެ ދުވަހު، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އަވަސް ނިޔާއިން މައްސަލަ ނުނިންމެވީ، އަދީބާއި ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަދީބަށް ލިބޭ ޖުމްލަ 20 އަހަރުގެ ޖަލު ހުކުމް އެއަށް ވުރެ ކުޑަ ކުރެވޭތޯ ދައުލަތާއެކު މަޝްވަރާ ކުރަން އިތުރު ވަގުތަށް އަދީބުގެ ފަރާތުން އެދުމުންނެވެ. ނަމަވެސް، އަދީބަށް އިތުރު ލުޔެއް ދިނުމަށް އެއްބަސްވެވިފައެއް ނުވެ އެވެ.

މިއަދު އެ މައްސަލަ ނިންމަން ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، އަދީބުގެ އިއުތިރާފު އެއްބަސްވުން ގަބޫލު ކުރައްވާ ކަމަށެވެ.

އެއްބަސްވުމުގައިވާ ގޮތަށް ދައުލަތުން އެދުނީ އަދީބަށް ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭށެވެ. އަދި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

ދައުވާތަކާއި އަދަބުތައް:

  • ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
  • ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 24 ދުވަސް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 6 މަސް ދުވަސް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 1 މަހާއި 15 ދުވަސް
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުުން: 3 މަސް ދުވަސް
  • މަނީ ލޯންޑަރިން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށް ލުމާއެކު 1،000،000 ރުފިޔާއިން ޖޫރިމާނާ
  • މަނީ ލޯންޑަރިން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 1،000،000 ރުފިޔާއިން ޖޫރިމާނާ

ދައުލަތުން އެދުނު ގޮތަށް ގާޒީ ވަނީ އަދީބަށް ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި އޭނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.

ކުރިން ދައުވާ ކުރީ ބޮޑު ހިޔާނާތުގެ ވަކިވަކި މުއާމާލާތްތަކާއި ވަކި ކުށުގެ އަމަލުތަކަށެވެ. ފަހުން ހަތް ދައުވާ އެކުލަވާލީ ގިނަ އަދަދެއްގެ މުއާމަލާތްތައްކާއި ކުށުގެ އަމަލުތައް ހަތް ދައުވާއަށް އެއްކޮށްލައިގެންނެވެ.

ނަމަވެސް، ޕީޖީ ހުސެއިން ޝަމީމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން އަދީބަށް 150ދައުވާކޮށް، އޭނާ 806 އަހަރަށް ޖަލަށްލެވޭނެހާ ހެކި އެބަ ހުއްޓެވެ.

ދައުލަތާއެކު ހެދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި އެހެން މީހުންގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ދެމުންނެވެ.

comment ކޮމެންޓް