ވިދިވިދިގެން ތިންވަނަ ފަހަރަށް ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޯލްސްޓާ ހޯދައިފި

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ޗެމްޕިއަން އިހަވަންދޫ ކްލަބު ޕޯލްސްޓާ --- ފޮޓޯ: ވީއޭއެމް

ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު ބަލިކޮށް، ވިދިވިދިގެން ތިންވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ޗެމްޕިއަންކަން އިހަވަންދޫ ކްލަބު ޕޯލްސްޓާ ހޯދައިފި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި އިއްޔެ ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު އަތުން ފަސޭހަކަމާއެކު އިހަވަންދޫ ކްލަބު ޕޯލްސްޓާ ވަނީ މޮޅުވެފަ އެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ފައިނަލުގައި އިހަވަންދޫ ކްލަބު ޕޯލްސްޓާ އާއި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ އިހަވަންދޫ ކްލަބު ޕޯލްސްޓާ --- ފޮޓޯ: ވީއޭއެމް

ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުގެ މައްޗަށް އިހަވަންދޫ ކްލަބު ޕޯލްސްޓާ ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އިހަވަންދޫ ކްލަބު ޕޯލްސްޓާއިން ގެންދިޔައީ 17-25، 11-25 އަދި 22-25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިހަވަންދޫ ކްލަބު ޕޯލްސްޓާގެ ފާތިމަތު ތަހޫރާ އެވެ.

އެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ އިހަވަންދޫ ކްލަބު ޕޯލްސްޓާގެ ފާތިމަތު ތަހޫރާ އާއި، އެޓީމުގެ ފާތިމަތު ޝަނީޒާ އާއި، އެޓީމުގެ އައިޝަތު އަޒްހަރާ އާއި، އެޓީމުގެ ފާތިމަތު ރަޝީދާ އާއި، އެޓީމުގެ ނާޒިޔާ އަބްދުލް ވާހިދު އާއި، ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުގެ މަރިޔަމް މިޒްނާ އާއި، އެޓީމުގެ ލިބަރޯ ފަޒްލާ އަބޫބަކުރު އެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ރަނަރަޕް، ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު --- ފޮޓޯ: ވީއޭއެމް

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުގެ ސޮފްވާން އަހްމަދު ހޮވުނުއިރު، 19 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫ ކްލަބު ޕޯލްސްޓާގެ ފާތިމަތު ޝަނީޒާ އެވެ. މުބާރާތުގެ 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުގެ މަރިޔަމް މިޒްނާ ހޮވުނުއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިނަލް މެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިހަވަންދޫ ކްލަބު ޕޯލްސްޓާގެ ފާތިމަތު ތަހޫރާ އެވެ.

މުބާރާތުގެ ތިންވަނަ ނޮޅިވަރަމް ކްލަބު ހަވާސްއަށް ހޯދާފައިވާއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ރަނަރަޕް މަގާމު ވެސް ލިބުނު ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުގެ ޓީމެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ ކްލަބު ޕޯލްސްޓާ އާއި، ރަނަރަޕް މަގާމު ލިބުނު ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުއަށް މާލޭގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

comment ކޮމެންޓް