އަލަށް ހަދާ 15،000 ފުލެޓުން 65،000 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް

ރައީސް ޔާމީން: ހުޅުމާލެ ހިއްކި ބިމުގައި އިމާރާތް ކުރާ 15،000 ފުލެޓުން އާބާދީގެ 22 ޕަސެންޓް މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ-- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭ ހިއްކި ބިމުގައި އިމާރާތް ކުރަން މިރޭ ހަވާލު ކުރި 15،000 ފުލެޓުން، ރާއްޖޭގެ އާބާދީގެ 22 ޕަސެންޓު މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި "ގެދޮރުވެރިކުރުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2018 އަށް ނިންމާ ގޮތަށް ހަވާލު ކުރި ފުލެޓުތަކުން 65،000 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް ބޯހިޔާވަހިކަން ޔަގީވެފައިވާ ރައްޔިތަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެފަދަ ގިނަ ހައުސިން ޔުނިޓްތަކެއް ރާއްޖޭގައި ހަދަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގެދޮރުވެރިކަން ފުރިހަމައެއް ނުކުރެވޭ އަދި މިހަދާ 15،000 ހައުސިން ޔުނިޓް ނިމިގެނެއް. މިކަހަލަ އެތަނެއް ޔުނިޓް އަދި އެބަ ހަދަން ޖެހޭ. މިތަންތަނަށް މީހުން ވަދެ ހަމަޖެހިގެންދާ އިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިއަދުގެ އާބާދީއަށް ބަލާކަމުގައިވާނަމަ 20 ނުވަތަ 22 ޕަސެންޓް މީހުން ގެދޮރުވެރި ވެގެންދާނެ. މަދުވެގެން 65000 މީހުންނަށް ގެދޮރުވެރިކަން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހައުސިން ޔުނިޓްތައް އަޅާއިރު ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ ކުލިތައް ކޮންމެ ވެސް ގޮތަކުން ހަމައަކަށް އެޅުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ އެންމެ މުއްސަނދި މީހާ ވެސް މުއްސަނދިވެގެން ކޮންގްރީޓް ޖަންގައްޔެއްގައި ފިލާ އިންނާކަށް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒުވާނުން ޒަވާޖީ ހަޔާތެއް ފަށައިގެން ގެދޮރުވެރިކަން ނެތުމަކީ މާދީ ފުދުންތެރިކަން ނެތުމާ އެއްފެންވަރުގެ ކަމެއް ކަމަށާއި ގެދޮރުވެރިކަން ނެތްނަމަ ކޮންމެ މީހަކީ ވެސް އެމަނިކުފާނުގެ ނަޒަރުގައި ނިކަމެތިން ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ ފަރާތްތަކަސް ގެދޮރު ހަދައިދޭން ޖެހޭ ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް، ޒުވާނުންނަށް އެކަން ކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ 2018ގެ އޮގަސްޓްމަހާ ހަމައަށްދާ އިރު، "މިބުރުގެ" 15000 ހައުސިން ޔުނިޓް ނިމިގެންދާނެ ކަމަށެވެ. އަދި އެ ހައުސިން ޔުނިޓްތަކުގެ ފައިސާ އަނބުރާ ލިބުމުން އަނެއްކާވެސް ވީހާވެސް އަވަހަށް 2018ގެ ކުރިން ހައުސިން ޔުނިޓްގެ ދެވަނަ ބުރު ފަށަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ 15،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ފަސް ކުންފުންޏަކާ އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ތުރުކީގެ ކުންފުންޏަކާއި ޗައިނާގެ ކުންފުނިތަކަކާއި ލަންކާގެ ކުންފުންޏެއް ހިމެނެ އެވެ.

އެ ކުންފުނިތަކަށް ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހަށް އެ މަސައްކަތް ނިންމުމަށެވެ.

އަލަށް 15000 ހައުސިން ޔުނިޓެއް އަޅަން ކުންފުނިތަކަކާ ހަވާލުކުރި އިރު، މިރޭ ވަނީ ކުރީގެ އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކާ ސަރުކާރުން ރަސްމީކޮށް ހަވާލުވެފަ އެވެ.

comment ކޮމެންޓް