ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށް، އުތުރުގެ ރަށްތަކުގެ މެދުގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ލީގު ބުރުގައި ކުޅުނު ފަހު މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު ބަލިކޮށް، ފާއިތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން އިހަވަންދޫ ކްލަބު ޕޯލްސްޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ލީގު ބުރުގައި އިހަވަންދޫ ޕޯލްސްޓާ ކުޅުނު ހުރިހާ މެޗެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ފައިނަލުގެ ޖާގައެއް އިހަވަންދޫ ކްލަބު ޕޯލްސްޓާ ހޯދީ، 12 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައެވެ.
ދެވަނައިގައި އޮތް ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު އަށް 12 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ނޮޅިވަރަމް ކްލަބު ހުވާސް އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޒިގްޒެގް ފޯ ޔޫތު ލިންކޭޖަށް ތިން ޕޮއިންޓް ލިބުނު އިރު، ފުލުގައި އޮތް ނާވައިދޫ ޒުވާނުންގެ ޖަމިއްޔާއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ދެ ވަނައިގައި އޮތް ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި ތިން ވަނައިގައި އޮތް ނޮޅިވަރަމް ކްލަބު ހުވާސް އެވެ.
ލީގު ބުރުގެ އެންމެ ފަހު މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު އަތުން އިހަވަންދޫ ކްލަބު ޕޯލްސްޓާ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
ރޭ ކުޅުނު އެ މެޗުގެ ސެޓުތައް އިހަވަންދޫ ކްލަބު ޕޯލްސްޓާ އިން ގެންދިޔައީ 25-14، 25-17 އަދި 25-9 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިހަވަންދޫ ކްލަބު ޕޯލްސްޓާގެ ފާތިމަތު ތަހޫރާ އެވެ.
ސެމީ ފައިނަލުގައި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތާއި ނޮޅިވަރަމް ކްލަބު ހުވާސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ނުކުންނަން ޖެހޭނީ އިހަވަންދޫ ކްލަބު ޕޯލްސްޓާއާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.