ދ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފި

ޣާޒީ ސުކޫލުން 16 އަހަރުން ދަށުގެ އިންޓާ ސްކޫލް ޗެމްޕިއަން ތަށި އުފުލާލަނީ-- ސަން ފޮޓޯ/ ޔޫސުފް ސަފްވާން ރަޝީދު

މައިލޯ އިންޓާ ސްކޫލް 16 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން 2-0ގެ ނަތީޖާ އަކުން ދ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް ހުޅުމާލޭ، ޣާޒީ ސުކޫލް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. މެޗުގެ ފުރަތަމަ ގޯލު ޣާޒީ ސުކޫލުން ކާމިޔާބު ކުރީ 31 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ހަސަން އަނޫފް އިސްމާއިލެވެ. އަނޫފް އެ ގޯލު ކާމިޔާބު ކުރީ ޣާޒީ ސުކޫލްގެ ކުޅުންތެރިއަކު ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު ދިފާއުކޮށް، ކުޅުމުގެ ތެރެއަށް އެނބުރި ދިޔުމުން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އިންޓަރ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ދ. އަތޮޅު ތައުލީމީ މަރުކަޒާއި ޣާޒީ ސްކޫލް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މެޗުގައި ފެނިގެން ދިޔަ ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ފެނިގެންދިޔަ އިރު ދެވަނަ ގޯލު ޣާޒީ ސުކޫލްގެ އިރުޝާމް ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ކީޕަރުގެ ބޯ މަތިން ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

އެ މެޗުގައި ދ. އަތޮޅު މަދަރުސާ ކޮޅަށް ވަތް ދެ ގޯލުގައި ވެސް ކީޕަރުގެ މިސްޓޭކް ބޮޑުކަން ފާހަގަ ކޮށްލެވެ އެވެ.

މިއަދުގެ މެޗުގައި ދ. އޮތިޅު މަދަރުސާއިން މޮޅަށް ކުޅުނު އިރު އެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެ ގޮތުން ޣާޒީ ސުކޫލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޔާމިން ފޮނުވާލި ބޯޅަ އަމާޒްވީ ގޯލުގެ ދަނޑިއަށެވެ.

ޖުމްލަ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފެއާޕުލޭ ޓީމަކަށް ހޮވުނީ މާލެ އިން ބޭރުން އެ މުބާރާތުގައި ވާދަކުރި ހަމައެކަނި ޓީމު ކަމުގައިވާ ދ. އަތޮޅު މަދަރުސާ އެވެ.

އިންޓަރ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމަށް ހޮވުނު 11 ކުޅުންތެރިން --- ސަން ފޮޓޯ --- ޔޫސުފް ސޮފްވާން

16 އަހަރުން ދަށުގެ ޑްރީމް ޓީމް:

މުހައްމަދު އަހުޒަމް މޫސާ، (ދ. އަތޮޅު ތައުލީމީ މަރުކަޒު)

އިޝާމް އާދަމް ނަސީރު، (ދ. އަތޮޅު ތައުލީމީ މަރުކަޒު)

މުހައްމަދި ޝަޒީލް، (ދ. އަތޮޅު ތައުލީމީ މަރުކަޒު)

މުހައްމަދު ޒިހާން ހުސެން، (ދ. އަތޮޅު ތައުލީމީ މަރުކަޒު)

ހަސަން ނަވާޒު، (ޣާޒީ ސުކޫލް)

މުހައްމަދު ރާއިފް އަބްދުﷲ، (ޣާޒީ ސުކޫލް)

ޔާމީން އަލީ، (ޣާޒީ ސުކޫލް)

އަލީ އަޝަމް އަބްދުﷲ، (ޣާޒީ ސުކޫލް)

ހަސަން އަލީ، (ޣާޒީ ސުކޫލް)

ބަރާއު އަހުމަދު ޒާހިރު ހުސެއިން،(މުހިއްދީން ސުކޫލް)

މުހައްމަދު ފިޒާލް، (މުހިއްދީން ސުކޫލް)

comment ކޮމެންޓް