އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ހޯމަ ދުވަހު ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލް ބައްދަލުކުރި މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން ގުރައިދޫ ސްކޫލް ޓީމް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.
އެ މައްސަލަ ބެލުމަށްފަހު ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ، މެޗުގެ ކުޅުން ނިމިފައިވަނިކޮށް ގުރައިދޫ ސްކޫލް ޓީމުގެ ކުޅުންތެރިން މެޗުގެ ރެފްރީއާ މެދު ނުރުހުން ފާޅުކޮށް ހަމަލާދީފައި ވާކަން އެނގެން އޮތް ކަމަށެވެ. އަދި އެ ޓީމުގެ އޮފިޝަލުންނާއި އެ ޓީމަށް ތަރުހީބު ދިނުމަށް ގަލޮޅު ދަނޑަށް ވަދެފައިވާ ސަޕޯޓަރުން ވެސް މެޗުގެ އޮފިޝަލުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް އެފްއޭއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެފްއޭއެމުން ބުނެފައިވަނީ، ޑިސިޕްލިނަރީ މައްސަލަތަކުގައި އަމަލުކުރާ ގަވާއިދުގެ ދަށުން ގުރައިދޫ ސްކޫލްގެ 17 އަހަރުން ދަށުގެ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނޭގޮތަށް މިއަދުން ފެށިގެން އެއް އަހަރުދުވަހުގެ ނިޔަލަށް ސަސްޕެންޑް ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އެފްއޭއެމުން ވަނީ، ގުރައިދޫ ސްކޫލް ޓީމުގެ ހުސައިން ރަޒީން އާއި، މޫސާ އައިލަމްގެ އިތުރުން ހަސަން ރަޒާން، އެ ޖަމިއްޔާއިން ރާވާ ހިންގާ އެންމެހާ މުބާރާތްތަކުން ދެ އަހަރުދުވަހުގެ ނިޔަލަށް ސަސްޕެންޑްކޮށްފައެވެ.
އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ހޯމަދުވަހު ކަލާފާނު ސްކޫލާއި ކ.ގުރައިދޫ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތައް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އާއި، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުވެސް ވަނީ ކުއްވެރިކޮށްފައެވެ. މީގެ އިތުރުން ފުޓްބޯޅަ އާއިލާއިންވެސް ވަނީ މެޗަށްފަހު ހިނގާދިޔަ ކަންތައްތައް ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.
އިންޓަސްކޫލް 17 އަހަރުން ދަށުގެ ސެމީފައިނަލް އެ މެޗުގައި ކަލާފާން ސްކޫލާއި ގުރައިދޫ ބައްދަލުކުރި މެޗް ދޭއް އެކެއްގެ ނަތީޖާއިން ކާމިޔާބުކުރީ ކަލާފާން ސްކޫލެވެ.