ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށް، އުތުރުގެ ރަށްތަކުގެ މެދުގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގައި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ، ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ނޮޅިވަރަމް ކްލަބު ހުވާސްއާ ދެކޮޅަށް ކުޅުނު މެޗުން ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު މޮޅުވީ، ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
ރޭގެ މެޗުގެ ސެޓުތައް ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުން ގެންދިޔައީ 25-15، 25-22 އަދި 25-14 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު މަރިޔަމް މިޒްނާ އެވެ.
ފާއިތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން އިހަވަންދޫ ކްލަބު ޕޯލްސްޓާ ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަތުން އިހަވަންދޫ ކްލަބު ޕޯލްސްޓާ ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ސެޓުތައް އިހަވަންދޫ ކްލަބު ޕޯލްސްޓާ އިން ގެންދިޔައީ 25-15، 25-10 އަދި 25-03 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިހަވަންދޫ ކްލަބު ޕޯލްސްޓާގެ ފާތިމަތު ތަހޫރާ އެވެ.
މި މަހު 12 ވަނަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި، ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި ނޮޅިވަރަމް ކްލަބު ހަވާސް އާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކްލަބު ޕޯލް ސްޓާ އެވެ.
އެ މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެއްވަނައިގައި އޮންނަ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީ ފައިނަލުގައި ދެވަނަ ޓީމާއި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަށެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މާލޭގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނެ އެވެ.