ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު، ކުޅުދުއްފުށީގައި ފަށައިފި

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގައި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު -- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށް، އަތުރުގެ ރަށްތަކުގެ މެދުގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު، ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

ކުޅުދުއްފުށީގައި ފެށި އެ މެބާރާތުގައި އިއްޔެ ދެ މެޗު ކުޅެވުނެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އަތުން ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-17 އިން ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ ގެންދިޔަ ނަމަވެސް، ފަހު ތިން ސެޓު 16-25، 21-25 އަދި 13-25 އިން ގެންދިޔައީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތުގެ އައިޝަތު ވިޝާމާ އެވެ.

އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ނޮޅިވަރަމް ކްލަބު ހުވާސް އާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ނޮޅިވަރަމް ކްލަބު ހުވާސް އެވެ.

ރޭ ކުޅުނު މެޗުގެ ސެޓުތައް ނޮޅިވަރަމް ކްލަބު ހުވާސް އިން ގެންދިޔައީ 25-12، 28-26 އަދި 25-14 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނޮޅިވަރަމް ކްލަބު ހުވާސްގެ މަރިޔަމް އުސްމާން އެވެ.

އެ މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުރިއަށްދާނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާ އިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި އިހަވަންދޫ ކްލަބު ޕޯލް ސްޓާ އެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި، ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި ނޮޅިވަރަމް ކްލަބު ހަވާސް އާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކްލަބު ޕޯލް ސްޓާ އެވެ.

އެ މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެއްވަނައިގައި އޮންނަ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީ ފައިނަލުގައި ދެވަނަ ޓީމާއި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަށެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މާލޭގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނެ އެވެ.

މިދިޔަ އަހަރުގެ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ފައިނަލުގައި ދިއްދޫ ޓީނޭޖް ބޯއިސް ސްޕޯޓްސް ކްލަބު ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައި ވަނީ އިހަވަންދޫ ކްލަބު ޕޯލްސްޓާ އެވެ.

comment ކޮމެންޓް