ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ޓީމުގެ އެހެން ކުޅުންތެރިންގެ އެހީ ބޭނުންވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައުނުއްދީން ޒިދާން ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ރެއާލްގެ ބެރްނަބެއޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވުލްފްސްބާގު އަތުން 3-0 ލަނޑުން މޮޅުވެ، ސެމީ ފައިނަލަށް ރެއާލް ދަތުރުކުރީ ރޮނާލްޑޯގެ ހެޓްރިކުންނެވެ. ސެމީއަށް ރެއާލް ދަތުރުކުރީ 3-2 ލަނޑުގެ އެގްރިގޭޓަކުންނެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ރެއާލްއަށް ފުރަތަމަ ލަނޑުޖަހައި ރޮނާލްޑޯ ލީޑު ހޯދައިދިންއިރު، އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. އެގްރިގޭޓުން ރެއާލްއަށް ކުރި ހޯދައިދީ، ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުން ކާމިޔާބުކޮށްގެންނެވެ.
"ރޮނާލްޑޯއާ ބެހޭގޮތުން އަހަރެން ވަކި ކީކޭ ބުނާނީ؟ އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ދައްކުވައިދީފި. އޭނާ އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް. އެކަމަކު އޭނާއަށް ވެސް ޓީމުގެ އެހެން ކުޅުންތެރިންގެ އެހީ ބޭނުންވާނެ. އަހަރެމެން ދައްކަންވީ ޓީމެއްގެ ގޮތުގައި ހޯދި ކާމިޔާބު،" ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.
ޒިދާން ބުނީ، ކެތްތެރިވެގެން ކުޅުމަށް ޓީމަށް އިރުޝާދުދިން ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ. އަދި ރެއަކީ ބޭނުންވާ ކަންތައްތައް ހާސިލުވެގެންދިޔަ ވަރަށް ހާއްސަ ރެއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ރޭގެ މެޗަށް ރެއާލް ނުކުތީ، 2-0 ލަނޑުގެ އެގްރިގޭޓަކުން ވުލްފްސްބާގު ކުރީގައި އޮއްވަ އެވެ. ފުރަތަމަ ލެގުގައި ވުލްފްސްބާގުގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް ވަނީ ބަލިވެފަ އެވެ.