އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން މޮޅުވެ، ހޮންކޮންގެ ކިޗީ، ގްރޫޕްގެ ދެ ވަނައަށް ޖެހިލައިފި އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓްގެ މައްޗަށް ކިޗީ ކުރި ހޯދީ 2-0 ލަނޑުންނެވެ. އެ މެޗުން ބަލިވުމާ ގުޅިގެން ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ނިއުއަށް ވަނީ ގެއްލިފަ އެވެ. މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ސިންގަޕޫރުގެ ބަލެސްޓިއާ ޙަލްސާ އަތުން ފިލިޕީންސްގެ ކާޔާ އެފްސީ ވަނީ 3-0 ލަނޑުން މޮޅުވެފަ އެވެ.
އެ ނަތީޖާތަކާއެކު ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނައިގައި ކާޔާ އޮތްއިރު، ދެ ވަނައިގައި އޮތް ކިޗީއަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައަށް ވެއްޓުނު ބަލެސްޓިއާ ޚަލްސާ އަށް ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ނިއުއަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައީ ކިޗީ އެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކިޗީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް، ލީޑު ހޯދައިފަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވަޑް ރަފީނޯ ސެގޮވިއާ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ރަފީނޯއަށް ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ. ނިއުގެ ކީޕަރު ސުލޭމާނާ އަބޫ، އެ ބޯޅަ ހޯދުމަށް ކުރިއަށް ނުކުތް ނަމަވެސް، އޭނާގެ އެ މަސައްކަތް ކާމިޔާބެވެފައެއް ނުވެ އެވެ. އެ ބޯޅަ ހޯދުމަށް ރަފީނޯ ކައިރީގައި ހުރި، ނިއުގެ ޑިފެންޑަރު ސެގުން އަވޮނިޔީ، މާ ބޮޑު މަސައްކަތެއް ކޮށްފައެއް ވެސް ނުވެ އެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ކިޗީ އިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރަފީނޯ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ވަރަށް ފަސޭހަކަމާއެކު ރަފީނޯ ވަނީ ނިއުގެ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ލަނޑު ރަފީނޯ ކާމިޔާބުކުރި އިރު، އޭނާއަށް ނިއުގެ ޑިފެންޑަރުންގެ ފަރާތުން އުނދަގުލެއް ކުރިމަތިވެފައެއް ނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ކިޗީ ކުރީގައި އޮވެގެންނެވެ. މިހާތަނަށް އޭއެފްސީ ކަޕުގައި ކިޗީ އިން ތިން ލަނޑު ޖެހިއިރު، އެ ތިން ލަނޑު ވެސް ކާމިޔާބުކުރީ ސްޕެނިޝް ލަލީގާގައި ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފޯވަޑް ރަފީނޯ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ނިއު ރޭޑިއަންޓުން ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްކުރި އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވަނީސް، ކިޗީއިން އަލުން މެޗުގެ ކޮންޓްރޯލް ހޯދި އެވެ.
މެޗުގެ 65 ވަނަ މިނެޓުން ފެށިގެން ނިއުގެ ބިދޭސީ ގޯލްކީޕަރު ސުލޭމާނާ އަބޫ އަށް ދެއްކި ރަތް ކާޑާ ގުޅިގެން ނިއުއިން މެޗުގެ ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ނިއުގެ ކީޕަރު ސުލޭމާނާ އަށް ރަތް ކާޑު ދެއްކީ ކިޗީގެ ފޯވާޑް ރަފީނޯ ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ދަނިކޮށް ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ބޯޅައިގައި އަތްލުމުންނެވެ. ނިއުގެ ގޯލު ބެލެހެއްޓުމަށް އިއްޒަތު އަބްދުލް ބާރީ ބޭލުމަށްފަހު، އެރުވީ ބަދަލު ކީޕަރު އަހްމަދު ފައިރޫޒް އެވެ.
މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ކިޗީއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކިޗީގެ ރަފީނޯ ފޮނުވާލި ބާރު ހަމަލާ، ކީޕަރު ފައިރޫޒް މަތަކުރި އެވެ. އަދި ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ކިޗީގެ ޖޯޑީ ޓަރޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.